ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ރާއްޖެއިން ކޯވިޑް-19 ފެނުނު ސަބަބު ކަމަށްވާ އިޓަލީގެ ޓޫރިސްޓު ގައިން ވައިރަސްގެ އަސަރު ފެންނަކަން އެނގިި ހުރެ އެކަން ކަމާ ބެހޭ ފަރާތްތަކާއި ހިއްސާ ކޮށްފައި ނުވާތީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޯކްޓަރު...

28 Mar 2020 | 16:28

ރާއްޖެއިން ކޯވިޑް-19 ފެނުނު ސަބަބު ކަމަށްވާ އިޓަލީގެ ޓޫރިސްޓު ގައިން ވައިރަސްގެ އަސަރު ފެންނަކަން އެނގިި ހުރެ އެކަން ކަމާ ބެހޭ ފަރާތްތަކާއި ހިއްސާ ކޮށްފައި ނުވާތީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޯކްޓަރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ މިއަދު އެވެ. އެކަމަކު ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ރިސޯޓުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ49 އަހަރުގެ ތުރުކީ އަންހެނެކެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އަންނަ އޭޕްރިލް މަހުގެ22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން، ޕާސްޕޯޓް ހިފެހެއްޓީ ތަހުގީގު ނުނިމެނީސް އޭނާ ރާއްޖެ އިން ހިނގައިދާނެތީ އެވެ. އަދި އިޓަލީ މީހާ ފުރުމަށް ފުރުސަތު ދިނުމަކީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރި އެތައް ބަޔަކު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަކަށްވާ އިރު ޑޮކްޓަރު މިކަމަށް އިހުމާލުވެފައި ވާކަމަށް އަމުރުގައި ބުނެފައިވެ އެވެ.

މި މައްސަލައިގަ ފުލުހުން ކުރަމުންދާ ތަހުގީގާއި ގުޅޭގޮތުން ބުނެފައިވަނީ އިޓަލީ މީހާގެ ފަރާތުން ކޯވިޑްގެ އަލާމާތްތައް ފެނުނު ފަހުން ޑޮކްޓަރު އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި ގިނަ މައުލޫމާތުތަކެއް ސާފުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ކޯލްގައި ޝައްކު ކުރެވޭ ޓޫރިސްޓަކު ހުރިކަމަށް އެޗްޕީއޭއަށް އަންގާފައި ނުވާކަމަށެވެ.

މީގެ އިތުރުން ކުރެއްދޫ ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ފަރާތުން އަލާމަތް ފެންނަން ފެށުމުން ޓެސްޓު ކުރަން އެދުމުން އެ ޓޫރިސްޓު އެކަމަށް ދެކޮޅު ހެދި ކަމަށެވެ. އަދި އެކަން އެޗްޕީއޭއާ ހިއްސާ ނުކުރަން މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ނިންމި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުރުވާލި އިޓަލީ ފަރުވެރިޔާގެ ފަރާތުން ކުރެއްދޫގެ ފަސް މީހަކަށް ބަލި އެރި އެވެ. އޭގެ ތެރޭގައި އެ ޑޮކްޓަރުވެސް ހިމެނެ އެވެ. އޭނާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ހުރީ ރޫމް އައިސޮލޭޝަންގައި އެ ރިސޯޓުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް