ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ11 ވަނަ މީހަކު ރަނގަޅު ވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މުއާޒް މޫސާ ވިދާޅުވީ މިއަދު ބަލިން ރަނގަޅުވި ދެމީހުންގެ އަލާމަތްތައް އެއްކޮށް ފިލުމުން ދެ ފަހަރު ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި އެ ދެމީހުން ބަލިން ރަނގަޅުވި ކަމަށް ނިންމީ ދެ ފަހަރުވެސް ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ފަރުވާ ދެމުންދާ ތިން މީހުންވެސް ރަނގަޅު ކަމަށެވެ. އަދި އިއްޔެ ބައްޔަށް ޕޮސިޓިވްވި ދިވެހި މީހާގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އިނގިރޭސިވިލާތުން އައި38 އަހަރު އެމީހާ ކަރަންޓީން ކޮށްފައި ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ވަކިންނެވެ. އެކަމަކު މިހާރު އޭނާ ވަނީ ޕޮސިޓިވް މީހުންނަށް ފަރުވާ ދެމުންދާ ވެލިދޫ އައިލެންޑް ރިސޯޓަށް ބަދަލުކޮށްފައި އެވެ.
ރާއްޖެއިން މިހާތަނަށް16 މީހަކު ބައްޔަށް ޕޮސިޓިވްވި އިރު11 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. ތިން މީހަކަށް ފަރުވާ ދެމުންދާއިރު އަނެއް ދެމީހުން ޕޮސިޓިވްވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.
އެއީ އިޓަލީގެ ދެ ޓޫރިސްޓުންނެވެ. އެމީހުން ރާއްޖެއިން ފުރީ ޕޮސިޓިވް ކޭސްއަކާއި ގުޅުން ހުރި ބަޔަކަށް ވާތީ14 ދުވަހު ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު އެވެ.
އެމީހުންގެ ސާމްޕަލް ނަގާ ޓެސްޓު ކުރީ ރާއްޖޭގައި މި ބައްޔަށް ފަރުވާ ދިނުމުގައި ނުވަތަ ބަލި ދެނެގަތުމުގައި ގެންނާނެ ބަދަލުތަކާއި ގުޅޭގޮތުން ހަދަމުންދާ ދިރާސާ އަކަށެވެ. އެމީހުން ކަރަންޓީނުން ދޫކޮށްލި އިރު ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް