ޖަމާއަތުގަ ނަމާދާ ހުކުރު ކުރުން މެދުކަނޑާލި މުއްދަތު އޭޕްރިލް ހަތަރަކަށް އިތުރުކޮށްފި

ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތް މުއްދަތު އިތުރުކޮށްފި އެވެ. ޖަމާއަތުގައި ނަމާދު ކުރުން މެދެކަނޑާލާފައި އޮތ...

28 Mar 2020 | 08:51

ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތް މުއްދަތު އިތުރުކޮށްފި އެވެ.

ޖަމާއަތުގައި ނަމާދު ކުރުން މެދެކަނޑާލާފައި އޮތީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރިސޯޓުތަކުގައި އެވެ. މީގެ އިތުރުން ވައިރަސް އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށެއް މޮނިޓަރިންގެ ހާލަތަށް އެޗްޕީއޭއިން ގެނެސްފި ނަމަ އެ ރަށެއްގައިވެސް މިގޮތަށް އަމަލު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ކަމަށެވެ. މި ތަންތަނުގައި ޖަމާއަތުގައި ނަމާދާއި ހުކުރު ކުރުން ހުއްޓާލީ މިމަހުގެ18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މި މުއްދަތުގައި މާލެ އާއި ރިސޯޓުތަކުގައި ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ އެވެ.

މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނޫންކަމަށް އެޗްޕީއޭއިން ބުނެފައިވާތީ އެވެ. މިގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މަޝްވަރާ އާއި އެކު ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ޖަމާއަތުގައި ނަމާދު ނުކުރިޔަސް ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ ގަވައިދުން ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި އިސްލާމީ ގިނަ ގައުމުތަކުގައި ވައިރަސްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފައި އެވެ. ސައުދީގައި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ މައްކާގެެ މާތްވެގެންވާ މަސްޖިދުލް ހަރަމްއާއި މަދީނާގެ މާތްވެގެންވާ މަސްޖިދުލް ނަބަވީގައިވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް