ގޭގަތި ތިބޭކަށް ބޭނުމެއް ނުވޭ، ބަލި ފެތުރުން ނަމަ ގޯސްވާނީ ސަރުކާރު!

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ފަދަ ނުރައްކާތެރި ބަލި މަޑުކަމެއް މިފަހުގެ ތާރީހުގައި ރާއްޖެ ދެކިފައެއް ނުވެ އެވެ. އަދި މުޅި ދުނިޔެވެސް ނުދެ އެކެވެ. އެންމެ ފަހުން ރާއްޖެއަށް ބަލިމަޑުކަމެއް އައި ކަމަށ...

28 Mar 2020 | 08:12

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ފަދަ ނުރައްކާތެރި ބަލި މަޑުކަމެއް މިފަހުގެ ތާރީހުގައި ރާއްޖެ ދެކިފައެއް ނުވެ އެވެ. އަދި މުޅި ދުނިޔެވެސް ނުދެ އެކެވެ.

އެންމެ ފަހުން ރާއްޖެއަށް ބަލިމަޑުކަމެއް އައި ކަމަށްވަނީ1970 ގެ އަހަރުތަކުގައި ފެތުރުނު ޝިގެއްލާ އާއި ކޮލެރާއެވެ. މިޒަމާނުގައި ދިވެހިން ގަބޫލު ކުރާ ގޮތުގައި އޭރު އުޅުނު ހާލަކު ބަލިމަޑު ކަމެއް އަޔަސް އުޅޭކަށް މިހާރަކު ނުޖެހޭނެ އެވެ.

ވިސްނާލަން ޖެހޭ އަދި މުޅި ދުނިޔެއިން ފެންނަމުންދާ މަންޒަރަކީ ބޮޑެތި މުއްސަނދި ގައުމުތަކުން މި ބަލިން ސަލާމަތްވާނެ ގޮތެއް ނެތި ސިއްހީގޮތުން ބަލިކަށިވެފައިވާ ތަނެވެ. މިހާލަތު ރާއްޖެއަށް އައުމަކީ އެއްވެސް ދިވެއްސަކު ބޭނުންވާނެ ކަމެއް ނޫނެވެ.

މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެ އަތުވެދާނެތީ ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ވާހަކަ ދައްކަމުންނެވެ. ބޯޑަރު ބަންދު ކުރުމަށް ގޮވާލި އެވެ. ސިއްހީ ދާއިރާ އޮތީ ތައްޔާރަށްތޯ އެތައް ބަޔަކު ސުވާލު ކުރަމުންދެ އެވެ.

އެކަމަކު ވައިރަހާއި ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ފާޑު ނުކިޔާ ދިވެއްސަކު މަދުވާނެ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނެނިވަޑައިގެންނެވި އެވެ. ނަޝީދު ކުރިން ދެކެވަޑައިގެތް ގޮތުގައި މިއީ ވަރަށް އާދައިގެ ބައްޔެކެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ޕެނަޑޯލް ގުޅައެއް ދީގެންވެސް ފަރުވާ ދެވިދާނެ އެވެ.

ދިވެހިން ލައްވާ އެންގުންތަކަށް އަމަލު ކުރުވަން ޖެހެނީވެސް އެހާ މަސައްކަތުންނެވެ. ބާރުގެ ބޭނުން ނުކުރިޔަސް ގޭގައި އައިސޮލޭޝަންގައި ބޭތިއްބުން، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަމަށް ހާއްސަ ކްލިނިކަށް ދެއްކުން، ގޭގައި މަޑު ކުރަން އެންގުމުން ތިބުން މިއީ އަމިއްލަ ފަރުދީ ޒިންމާއެއް ގޮތަށް ދެކިގެން ކުރަން ޖެހޭ ކަންކަމެވެ. އެކަމަކު ރައްޔިތުންނަށް މިހާތަނަށްވެސް ކަމުގެ ސީރިއަސްކަން އިހުސާސް ނުވާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

މިއަދު މުޅި ރާއްޖެއަށް ސާބިތުވާން އޮތް އެ ހަގީގަތަކީ ސިއްހީ މާހިރުން ދެއްކި ވާހަކަތަކުގައި ހަގީގަތެއް އެބަ އޮތްކަމެވެ. ރާއްޖެއިން ދިވެއްސަކު ޕޮސިޓިވްވި ކަން އިއްޔެ އިއުލާން ކުރި އިރު އެމީހާ ހުރީ ސަރުކާރުގެ ކަރަންޓީން ފެސިލިޓީއެއްގައި އެވެ.

އިނގިރޭސިވިލާތުން ރާއްޖެ އައި އެމީހާގެ ގައިގަ ރާއްޖެ އައި އިރު ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ނެތެވެ. ރާއްޖެ އަންނަ ހުރިހާ ދިވެހިން ކަރަންޓީން ކުރަން ޑައިރެކްޓަ ޖެނެރަލްގެ އެންގެވުމަކުން ނާންގަނީސް މި މީހާ ރާއްޖެ އައި ނަމަ ފޮނުލާލާނީ ހޯމް އައިސޮލޭޝަން އަށެވެ. އެކަމަކު އެގޮތަށް ފޮނުވާލާ ގިނަ މީހުން ގޭގައި މަޑު ނުކުރެ އެވެ.

ކަރަންޓީން އާއި އައޮސޮލޭޝަންގެ މުހިންމުކަން މިހާރު ދިވެހިން ނަށް ވިސްނޭނެ އެވެ. އެ ދުވަހު އެމީހާ ހޯމް އައިސޮލޭޝަންއަށް ފޮނުވުނު ނަމަ މިއަދު އެބަލި މާލެ ފަދަ ތަނެއްގައި ކޮންޓްރޯލެއް ނެތި ފެތުރިގެން ދާނެ ކަމާއި މެދު ޝައްކެއް ނެތެވެ.

އެމީހާގެ ފުށުނު ބަލި ފެތުރިއްޖެ ނަމަ ސަރުކާރުގެ ވެރިން ވަރުގެގޯސް ބަޔަކު ނުތިބޭނެ އެވެ. އޭރުން އޭނާ ކަރަންޓީން ނުކޮށް ގެއަށް ފޮނުވުމުން ސަރުކާރު ގޯސްވާނެ އެވެ. ރަނގަޅަށް އަލާމާތްތައް ފެންނަން ހުރިތޯ އެޗްޕީއޭއިން ބެލިކަމަކަށް ނުވާނެ އެވެ. ހަމަ ގަސްދުގައި މި ބަލި ރާއްޖޭގައި ފަތުރަން ސަރުކާރުން ކުރި ކަމަށް ހަދާނެ އެވެ.

ގަބޫލު ކުރަން ޖެހޭ އަދި ސަމާލުކަންދޭންޖެހޭ ކަމަކީ އެމީހާ އާއި އެއާޕޯޓުންނާއި ލޯންޗުން ދިމާވި ބަޔަކު އެބަ އުޅޭކަމެވެ. އެމީހުން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާއިރު ބޭރަށް ނުކުމެ އުޅުމަކީ މާ ރައްކާތެރިކަމެއް ނޫނެވެ.

ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ ކަރަންޓީން ކުރުމުގެ މުހިންމު ކަމަކީ އެކަކު ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމެވެ. މިދުވަސްވަރު ގޭގައި މަޑު ކުރަން އިލްތިމާސް ކުރަމުންދާ މައިގަނޑު ސަބަބަކީވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެންވެސް ހޭ އަރާށެވެ. އަންގާ އެންގުންތަކަށް ބޯލަނބައިގެން މި ބަލިމަޑުކަމުން އަރައިގަތުމަށް ސިއްހީ މާރިހުރުންގެ އިރުޝާދު އަޑުއެެހުން މުހިންމެެވެ. ގޭގައި މަޑުކޮށްލަމާ ހެއްޔެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް