ވެމްކޯ އިން އެދެނީ ރަނގަޅަށް ކުނި ބަންދު ކުރުމަށް

މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޯވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ގެބަސީތަކުން ކުނި ބަންދު ކުރުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިލްތިމާސްކޮށްފަ އެވެ...

28 Mar 2020 | 05:53

މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޯވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ގެބަސީތަކުން ކުނި ބަންދު ކުރުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިލްތިމާސްކޮށްފަ އެވެ.

ވެމްކޯ އިން ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިވަގުތު އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ އިޖްތިމާއީ ގައިދުރުކުރުން ދެމެހެއްޓުން ކަމަށެވެ. ނަމަވެސް، ކުނި ނެގުމަކީ ޒަރޫރީ އާންމު ހިދުމަތަކަށް ވުމުން، ގައުމަށް ދިމާވެފައިވާ މިފަދަ ހައްސާސް ދަނޑިވަޅެއްގައި އެކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން އާންމު ކޮށްފައިވާ "މުނިސިޕަލް ވޭސްޓް މެނޭޖްމެންޓް ޕްލޭން"އާ އެއް ގޮތަށް ގޭބިސީތަކުން އަމަލު ކުރުމަށް ވެމްކޯ އިން ބުނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުނި ބަންދުކުރާއިރު ކުނިއަޅާފައިވާ ކޮތަޅު އިތުރު ކޮތަޅަކަށްލާ، ބަންދުކުރުމަށް ސަމާލުކަން ދިނުމަށް ވެމްކޯ އިން ވަނީ އެދިފަ އެވެ.

އަދި ކުނި ބަންދުކުރުމުގައި ލީކު ވާނެ ފަދަ އެއްޗެއްވާނަމަ، އެފަދަ އެއްޗެއް ލީކް ނުވާނެފަދަ ގޮތަކަށް ކޮތަޅު ބަންދުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ވެމްކޯ އިން ވަނީ އެދިފަ އެވެ. އެގޮތުން އިތުރު ކޮތަޅަކަށްލުން އަދި ރިހަފަދަ ތަކެތި ކުނި ކޮތަޅަށް ނޭމަށް ވެމްކޯ އިން އެދެއެވެ.

ވެމްކޯ އިން ވަނީ ކުނި ކޮތަޅަށް އެކަށީގެންވާ މިންވަރަށް ކުނިއެޅުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައެވެ. އަދި ހޯމް ކަރަންޓީންގައި ހުރި މީހެއް ދިރިއުޅޭ ގޭބަސީއެއްނަމަ ކުރިން ބުނެވިފައިވާ ކަންކަމުގެ އިތުރުން، ކުނި ކޮތަޅު ގޭބިސީގެ ބޭރުން ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ.

ވެމްކޯ އިން އަންގާފައިވާ ގޮތަށް އަމަލު ނުކުރާ ކަސްޓަމަރުންގެ ކުނި ބަލައިނުގަތުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ވެސް ވެމްކޯ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް