މައިމޫނާގެ މަސައްކަތަށް ޑރ. އިޔާޒުގެ ތައުރީފު، ބުޅި ކެނޑޭނީ ކެޔޮޅުން އަތުން!

އިއްޔެ އިން ފެށިގެން އެންމެ ހޫނުކޮށް ބަހުސް ކުރެވެމުންދާ އެއް މައުލޫއަކީ ކޯވިޑް-19 އަށް ޓެސްޓު ކޮށްފައިވާ ދެ ޓޫރިސްޓަކު ނަތީޖާ ނުލިބެނީސް ފުރުވާލި ވަހަކައެކެވެ. އެމީހުން ރާއްޖޭގައި ކަރަންޓީން ކުރީ ބައ...

28 Mar 2020 | 05:09

އިއްޔެ އިން ފެށިގެން އެންމެ ހޫނުކޮށް ބަހުސް ކުރެވެމުންދާ އެއް މައުލޫއަކީ ކޯވިޑް-19 އަށް ޓެސްޓު ކޮށްފައިވާ ދެ ޓޫރިސްޓަކު ނަތީޖާ ނުލިބެނީސް ފުރުވާލި ވަހަކައެކެވެ.

އެމީހުން ރާއްޖޭގައި ކަރަންޓީން ކުރީ ބައްޔަށް ޕޮސިޓިވްވި ދެ މީހަކު ތިބި އައިލެންޑް ސަފާރީގައި ދަތުރު ކުރެވުމުންނެވެ. އެ ދެމީހުން ބައްޔަށް ޕޮސިޓިވް ވުމުން އެޗްޕީއޭއިން ނިންމީ އެ ސަފާރީގައި ތިބި އެންމެން ކަރަންޓީން ކުރާށެވެ.

އިއްޔެ ހެނދުނު އިޓަލީގެ ޗާޓާޑް ފްލައިޓަކުން އެގައުމުގެ358 ޓޫރިސްޓުންނާއި އެކު އެދެމީހުން ފުރީ ކަރަންޓީންގެ މުއްދަތު ކަމަށްވާ14 ދުވަސް ވިލިވަރުގައި ފުރިހަމަ ކުރުމަށް ފަހު އެވެ. އަދި ދޫކޮށްލި އިރުވެސް އެމީހުންގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.

މިކަމާ ގުޅިގެން ގިނަބައެއްގެ ފަޑުކިޔުން އެޗްޕީއޭއާއި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް އަމާޒުވާން ފެށުމުން ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ބުޅި ކެނޑޭނީ ކެޔޮޅުން އަތުން ކަމަށާއި ކުށް ޖެހޭނީ މުގުރީންނަށް ކަމަށެވެ. އެއީ ދިވެހި ހަރު ބަސްތަކެކެވެ.

އިތުރަށް ވިދާޅުވެފައިވަނީ ކުށެއް ކުރެވުމަކީ ކޮށްފައިވާ ހުރިހާ ހެޔޮ ކަމެއް ފޮހެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަންޖެހޭ ކަމަށް ޑރ. އިޔާޒު ވިދާޅުވި އެވެ.

މިފަދަ ކަންކަމުން ލިބިގަންނަން ޖެހޭ އިބުރަތަކީ ގޯސްކޮށް ކުރެވިފައިވާ ކަންތައްތަކުން ކުރިމަގަށް ރަނގަޅު ވިޔަފަޅުތަކެއް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ އެ ދެ ޓޫރިސްޓުން ފޮނުވާލުމުގައި އިހުމާލެއް ވެފައި ނޯންނާނެ ކަމަށާއި އެމީހުން ބައްޔަށް ޕޮސިޓިވްކަން އެނގުމަކީ ރާއްޖޭގައި މި ބައްޔަށް ފަރުވާ ދިނުމަށް އަޅަމުންދާ ފިޔަވަޅުތައް ރަނގަޅު ކުރުމަށް ލިބުނު ފިލާވަޅެއް ކަމަށެވެ.

މައިމޫނާ ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިންނަމަ އެމީހުން ދެވަނަ ފަހަރު ޓެސްޓު ހަދާކަށް ނުޖެހޭނެ އެވެ. އެއީ އެމީހުންގެ ކަރަންޓީންގެ މުއްދަތު ހަމަވި އިރު ބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީ އެވެ.

މައިމޫނާ ވިދާޅުވީ އެމީހުންގެ ޓެސްޓު ހަދަން ނިންމީ ރާއްޖެއިން މި ބައްޔާ ބެހޭގޮތުން ކުރަމުންދާ ދިރާސާއަކަށް ބަލި ބޮޑަށް ފެތުރެމުންދާ ގައުމުތަކުގެ މީހުންގެ ސާމްޕަލްތަކެއް ޓެސްޓު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެއްވެސް ހާލެއްގައި އަލުން އެމީހާ ގައިން ވައިރަސް ފެނޭތޯ ބަލަން ކުރި ޓެސްޓެއް ނުންކަމަށް މައިމޫނާ ވިދާޅުވި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް