ކޯވިޑް-19: ފުރުވާލި ދެ ފަތުރުވެރިން 14 ދުވަހުގެ ކޮރެންޓީނު ފުރިހަމަވިކަން އެސްއޯޕީން ހާމަވޭ

މިއީ އިއްޔެ އުފެދުނު އެންމެ ބޮޑު ސުވާލެވެ. ކޮރޯނާ ވައިރަހަށް ދިވެއްސަކު ޕޮޒިޓިވް ވިކަން އިއުލާނު ކުރި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑު އިތުރު ކަމެއް އިއުލާނު ކުރިއެވެ. އެކަމަކީ 14 ދުވަހުގެ ...

27 Mar 2020 | 23:49

މިއީ އިއްޔެ އުފެދުނު އެންމެ ބޮޑު ސުވާލެވެ. ކޮރޯނާ ވައިރަހަށް ދިވެއްސަކު ޕޮޒިޓިވް ވިކަން އިއުލާނު ކުރި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑު އިތުރު ކަމެއް އިއުލާނު ކުރިއެވެ.

އެކަމަކީ 14 ދުވަހުގެ ކޮރެންޓީނު ފުރިހަމަކުރުމަށްފަހު ފުރި ދެ ފަތުރުވެރިއަކު ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި ކަމަށް އިއުލާނު ކުރި ހަބަރެވެ.

ހާމަކުރި މައުލޫމާތުން އެނގޭގޮތުގައި އެ ދެ ފަތުރުވެރިންނަކީ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ދެ ފަތުރުވެރިންނާއެކު އެއް ސަފާރީއެއްގައި ދަތުރުކުރި ދެ ފަތުރުވެރިންނެވެ. އެއީ އައިލެންޑް ސަފާރީން ދަތުރުކުރި ދެ ފަތުރުވެރިންނެވެ.

މި މައުލޫމާތު ހާމަކުރުމާއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެން ދިޔައީ އެ ފަތުރުވެރިން ފުރުވާލީ 14 ދުވަހުގެ ކޮރެންޓީނު ފުރިހަމަކޮށްފައިކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް 14 ދުވަސް ނުވާކަމަށް ބުނެއެވެ.

ނޫސްވެރިން ހިސާބު ޖަހަނީ އެޗްޕީއޭއިން އެކަން އިއުލާނުކުރި ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ބަލާނަމަ ހަމަ ގައިމުވެސް 14 ދުވަހެއް ނުވެއެވެ.

ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަންވީގޮތް ސާފުކޮށްދިނީ ކޯވިޑް-19ގެ ކަންކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މަބްރޫކް ވިދާޅުވީ މިކޭސްގަ ފުރަތަމަ ސިމްޓޮމެޓިކްވެގެން ރިޕޯޓްކޮށްފަ އޮންނަނީ 13 މާރިޗް ދުވަހު ކަމަށެވެ. ހަމަ އެދުވަހު ކޮރެންޓީނު ފެށުމަށް (މާނައަކީ އެންމެން ކޮޓަރީގައި މަޑުކުރުމަށް) އެޗްޕީއޭއިން ލިޔުމެއް ފޮނުވާފައި އެބަ އޮތް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކަމުގެ އިތުރު ތަފްސީލުވެސް ވަރަށް ތަފްސީލުކޮށް މަބްރޫކް ކިޔާދެއްވިއެވެ.

"14 ވަނަ ދުވަހު އާރުއާރުޓީ ޓީމަކުން ގޮސް ސާމްޕަލް ވަނީ ނަގާފަ، 15 ވަނަ ދުވަހު ދެމީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފަ، 16 ވަނަ ދުވަހު އެ ދެމީހުން ވަނީ ބޯޓުން ނެގިފަ" މަބްރޫކް ވިދާޅުވިއެވެ.

މި ހިސާބުން ބަލައިލަން މި ޖެހެނީ ކޯވިޑް-19 ގެ ކަންކަމުގައި އަމަލުކުރަމުން ގެންދާނެ ގޮތް ސާފުކޮށް ބުނެދީފައި އޮންނަ "ސްޓެންޑާޑް އޮޕަރޭޓިން ޕްރޮސީޖަރ" ނުވަތަ ކުރުކޮށް ބުނާނަމަ "އެސްއޯޕީ" އަށެވެ.

އެ އެސްއޯޕީގެ 53 ވަނަ ސަފްހާ އަދި 54 ވަނަ ސަފްހާގައި ބަޔާންކޮށްފައިވަނީ ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި މީހަކު ސަފާރީއަކުން ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތެވެ.

53 ވަނަ ސަފްހާގައި ބުނެދީފައިވަނީ ސަފާރީއަކުން އަމަލުކުރަން ޖެހޭގޮތެވެ. އެގޮތުން ކޯވިޑް-19 އަށް ޝައްކުވާ އަލާމާތްތައް ހުރި މީހަކު ފެނިއްޖެނަމަ އެ މީހަކު ނުވަތަ ބަޔަކު އައިސޮލޭޓް ކުރުމަށްފަހު އެޗްޕީއޭއަށް އަންގަން ބުނެފައިވެއެވެ.

54 ވަނަ ސަފްހާގައި އޮތީ ދެން އަމަލުކުރާނެ ގޮތެވެ. ސާފުކޮށް ބުނެފައިވަނީ "ހައި ރިސްކް ކްލޯސް ކޮންޓެކްޓްސް" ވަކި ކޮޓަރިތަކުގައި ބޭތިއްބުމަށެވެ. ނުވަތަ ސެލްފް ކޮރެންޓީނު ކުރުމަށެވެ. ކްލޯސް ކޮންޓެކްސްޓް ކަމުގައި ބަޔާންކޮށްފައިވަނީ އެއް ކެބިންއެއްގައި ނުވަތަ ހަ ފޫޓު ޑިސްޓެންސްގައި ނުވަތަ ކައިރި މާހައުލެއްގައި ނުވަތަ ނުވަތަ އެކުގައި ދަތުރުކުރާ އެއް ގްރޫޕެއްގައި ނުވަތަ އެކުގައި އެއް ކާ މޭޒެއްގައި މިހެން ގޮސް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެހެންކަމަށްވާނަމަ އެ ސަފާރީގައި ތިބި އެންމެންނަކީ ކްލޯސް ކޮންޓެކްޓްސް ކަމަށް ބަލާނެއެވެ. އަދި އެންމެން ސެލްފް ކޮރެންޓީނު ވާންވެސް އަންގާނެއެވެ.

އެޗްޕީއޭއިން މިކަމުގައި ޓްވީޓް ކުރި ދުވަހަކީ 14 ކަމުގައިވީނަމަވެސް ސިމްޓޮމެޓިކް ދެމީހަކު ތިބިކަން އެ ސަފާރީގެ ފަރާތުން އެޗްޕީއޭއަށް 13 ވަނަ ދުވަހު އެންގިކަން އެޗްޕީއޭއިން ކަށަވަރުކޮށްދެއެވެ. އަދި އެބުނާ ލިޔުމެއް ހަމަ އެދުވަހު އެ ސަފާރީއަށް ފޮނުވިކަންވެސް އެޗްޕީއޭއިން ކަށަވަރުކޮށްދެއެވެ.

އެހެންކަމަށްވާނަމަ މިކަމުގައި މާގިނަ ހިސާބުތަކެއް ޖަހާކަށް ނުޖެއެވެ. އެޗްޕީއޭއިން އެސްއޯޕީގައި އޮތް ގޮތަށް އެވަނީ އަމަލުކޮށްފައެވެ.

އެހެންނަމަވެސް ފުރުވާލިފަހުން ޕޮޒިޓިވްކަން އެނގުނު އެނގުމަކީ މިކަމުގައި ލިބުނު ފިލާވަޅެއްކަން ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ގަބޫލުފުޅުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް