ކޯވިޑް-19: އެއް ދުވަސް ތެރޭގައި އިޓަލީން މަރުވި އަދަދު 900 އިން މައްޗަށް

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ އާލަމީ ވަބާ، ކޯވިޑް-19ގައި އިޓަލީން އެއް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 900 މައްޗަށް ގޮސްފިއެވެ. އެގޮތުން ބައިނަލްއަގްވާމީ ނޫސްތަކުގައި މިކަން ރި...

27 Mar 2020 | 20:10

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ އާލަމީ ވަބާ، ކޯވިޑް-19ގައި އިޓަލީން އެއް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 900 މައްޗަށް ގޮސްފިއެވެ.

އެގޮތުން ބައިނަލްއަގްވާމީ ނޫސްތަކުގައި މިކަން ރިޕޯޓްކޮށްފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީން 919 މީހަކު މަރުވެފައިވާކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ބައެއް ނޫސްތަކުގައި އެ އަދަދަކީ 969 ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮންމެއަކަސް މިއީ އިޓަލީގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ކަމަށް ރިޕޯޓްކުރި ދުވަހެވެ. އޭގެ ކުރީ ދުވަހުގެ އަދަދަކީ 712 އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނި ޗައިނާ ފަތަހަކޮށް މިހާރު ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރިފައިވާ މި ވައިރަހުގައި މިހާރު އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމަކީވެސް އިޓަލީ ކަމުގައި މިވަނީ ވެފައެވެ. އަދި އެންމެ ބާރަށް ފެތުރޭ ތިން ގައުމުގެ ތެރޭގައިވެސް އިޓަލީ އެބަހިމެނެއެވެ.

މިއަދާއި ހަމައަށް މި ވައިރަހަށް އިޓަލީން 86 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު މި ވައިރަހުގައި އެ ގައުމުން ޖުމްލަ 9134 މީހަކު މަރުވެފައިވެއެވެ. ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 10 ހާހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް