ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުރުބާރުނެތްކަމުގެ މައްސަލައިގަ ޖަވާބުދާރީވުމަށް މާދަމާ ޖަލްސާއަށް ވަޑައިގެންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މަލީހާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ 14 މެމްބަރުންގެ ސޮޔާއި އެކު ހުށަހެޅުއްވީ އެޕްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މި މައްސަލަ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައި އެވެ.
މަލީހު ވަނީ މާދަމާ ޖަލްސާއަށް މައްސަލައަށް ޖަވާބުދާރީވާން ވަޑައިގެންނަވާނެ ކަން ސިޓީއަކުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާފައި އެވެ. އެ ސިޓީގައި ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ފޮނުވި ނޯޓިސްގައި މައްސަލަ ރައްދުވަނީ އޭނާއަށް ކަމާމެދު އެ ލިޔުން ކިޔާލާއިރު ޝައްކު އުފެދޭތީ އެ ހުށަހަޅުމަކީ ބާތިލު ހުށަހެޅުމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަން ހާމަކޮށް މީގެ ކުރިން މަޖިލީހަށް ފޮނުވި ސިޓީއަށް ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ސިޓީގައި ފާހަގަ ކުރެއްވި އެވެ.
މިކަމާއި ގުޅޭގޮތުން މިރޭ މަލީހު ވިދާޅުވީ މާދަމާ މަޖިލީހަށް ވަޑައިގެންނަވަނީ ވަޒީފާ ދިފާއު ކުރައްވަން ނޫން ކަމަށެވެ. މަޖިލީހަށް ވަޑައިގެންނަވަން ނިންމީ ގާނޫނު އަސާސީގެ މާއްދާ 27 ގެ ދިފާއުގައި ކަމަށް ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ދުލާއި ގަލަމުން އެމީހަކަށް ފެންނަ ވާހަކައެއް އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާ ގޮތަށް ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށް ލިބިގެންވާ ކަމަށެވެ.
https://twitter.com/maleehjamal/status/1366058046909161473
މަޖިލީހު ކޮމިއުނިކޭޝަން މިނިސްޓަރަކަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެވެ.
މަލީހާއި މެދު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހިތްހަމަ ނުޖެހިގެން އުޅެނީ ދެ އަހަރު ވެގެންދިޔައިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވައިދެއް ހަދާފައި ނުވާކަމަށް ބުނެ އެވެ.
މަލީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ އިތުރުނެތް ކަމަށް ނިންމައި މިނިސްޓަރު ކަމުން ވަކިކޮށްދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވުމަށްފަހު އެވެ. އެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
އޭރު އެމްޑީޕީން ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ މަޖިލީހުގެ ޖަލްސާތައް ފެށެން ވާއިރަށް މަލީހު މަގާމުން ވަކި ނުކޮށްފި ނަމަ އެމްޑީޕީން އޭނާ އާއި ދެކޮޅަށް އިތުރުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް