އަލީ ވަހީދު މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން އިސްތިއުނާފު ކުރަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލަ ބޭރުކޮށްލުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވ...

28 Feb 2021 | 16:00

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުން ހައިކޯޓުން މައްސަލަ ބޭރުކޮށްލުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ ބޭރުކޮށްލީ އިސްތިއުނާފު މުއްދަތު ކަމަށްވާ 48 ގަޑިއިރު ހަމަވިފަހުން ހުށަހެޅުމުންނެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އެވެ.

ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓުގެ ރަޖިސްޓްރާ މައްސަލައެއް ބަލައިނުގަތުމަށް ނިންމައިފި ނަމަ، އެ ނިންމުމެއް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެވިދާނެ އެވެ. އަދި އެ މަޖިލީހުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކުރެވިދާނެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާ ދެކޮޅަށް ޖިންސީގޯނާ އާއި ގުޅުން ހުރި ހަތް މައްސަލައެއްގެ ދައުވާގެ ޝަރީއަތްތައް ފަށާފައިވަނިކޮށެވެ. އޭނާގެ ޕާސްޕޯޓު ދޫކޮށްލީ ރާއްޖެއިން ކުރެވެން ނެތް ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހިވަޑައިގެންނަވާ ކަމަށް ބުނެ ހުށަހެޅި ޑޮކްޓަރުގެ ލިޔުމަށް ބަލާފައި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. އެ ކޮމިޝަނުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް