ހުރިހާ ގްރޭޑްތަކަކަށް އަލުން "ޓެލިކިލާސް" ފަށައިފި

ކޯވިޑް-19 ގެ ހާލަތުގައި މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ޓެލިކިލާސްތައް އަނެއްކާވެސް ފަށައިފި އެވެ. އަލުން ޓެލިކިލާސްތައް ފަށާފައި މިވަނީ ކްލާސްތައް ހުއްޓާލިތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ. މިއަދު ޓ...

28 Feb 2021 | 14:46

ކޯވިޑް-19 ގެ ހާލަތުގައި މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ ޓެލިކިލާސްތައް އަނެއްކާވެސް ފަށައިފި އެވެ.

އަލުން ޓެލިކިލާސްތައް ފަށާފައި މިވަނީ ކްލާސްތައް ހުއްޓާލިތާ ތިން މަހެއްހާ ދުވަސް ފަހުންނެވެ.

މިއަދު ޓެލިކްލާސްތައް އަލުން ފެށިނަމަވެސް މިއަދު ދައްކާފައިވަނީ އެންމެ ކްލާހެކެވެ. އެއީ އުނގެނުމުގައި އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ދެއްކި ކްލާހެކެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޒްދާ މުހައްމަދު ވިދާޅުވީ ކްލާސްތައް ފެށުމުގެ ގޮތުން މިއަދު އެންމެ ކްލާހެއް ދެއްކި ކަމަށްވިޔަސް މި ހަފްތާ ތެރޭގައި އިތުރު ގްރޭޑްތަކަށް ޓެލިކްލާސް ފަށާނެ ކަމަށެވެ. އަދި މިނިސްޓްރީން ނިންމާފައިވަނީ ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް އަލުން ޓެލިކިލާސްތައް ކުރިޔަށް ގެންދަން ކަމަށް އަޒްދާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ކޯވިޑް-19 ގެ ލޮކްޑައުނަށް ފަހު އާ އާންމު ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ގެންދިޔައީ ހަތަރު ދުވަހު އެވެ. އެހެންވެ ފަސް ވަނަ ދުވަހު ސްކޫލްތަަށް ހާޒިރުވެގެން ކިޔަވާ ސްކޫލްތަކުގެ ދަރިވަރުންނަށް ޓެލިކިލާސްތަކުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެކެވެ.

މިއަދު ފެށި ޓެލިކިލާސްތައް ބެލައި ކޮންމެ ދުވަހަކު ރެޖިސްޓްރީ ވާންޖެހެނީ މާލޭ ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި ކޯވިޑްގެ ސަބަބުން ވައިރަސް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭގެ އެންގުމަށް އޮންލައިންކޮށް ކިޔަވައިދޭން އަންގާ ރަށްރަށުގެ ސްކޫލްތަތަކަށެވެ. އެކަމަކު ހުރިހާ ސްކޫލަކުން ދަނީ އެ ކްލާސްތައް ބެލުމަށް ދަރިވަރުންނަށް އިލްތިމާސް ކުރަމުންނެވެ.

ކޯވިޑް-19 ގެ ލޮކްޑައުންއާއި ގުޅިގެން ފެށި ޓެލިކިލާސްތަކަކީ ދަރިވަރުންނަށް ބޮޑު ފައިދާތަކެއް ކުރުވި އަދި ޓީޗަރުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ ބުރަ މަސައްކަތް ފެނިގެންދިޔަ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަކީ ކާމިޔާބުކަމާއި އެކު މިދިޔަ އަހަރު ނިންމާލެވުނު ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ "ޓެލިކްލާސް" އަށް ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ “ވެންހުއި އެވޯޑް ފޯ އެޑިޔުކޭޝަނަލް އިނޮވޭޝަން 2020” އެވޯޑު ލިބިފައިއެވެ. މި އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ މީހުންނާއި އިދާރާތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިއްވަރު ދޭ އެވޯޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް