ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ރައީސް ކަމަށް ވާދަ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ދިވެހި ރާއްޖޭގެ އަޑުގެ "އަހާށޭ ބުނާން" ޕްރޮގްރާމްގަ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ ރައީސް ކަމަށް ވާދަ ދުކުރެއްވުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް އެފުރުސަތު ބޭނުން ކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާޞުގައި ވާދަ ނުކުރެއްވޭ ހާލަތެއްގައި ކަމަށެވެ. އަދި އެ ފުރުސަތު ބޭނުން ކުރުމުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީން އެމަނިކުފާނު ބަލައިގަނޭތޯޯ ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ރައީސ ކަމަށް ވާދަ ކުރެއްވުމަށް ޕީޕީއެމް ޓިކެޓު ހޯއްދަވަން ޖެހިއްޖެ ހާލަތެއްގައި ޕްރައިމަރީގައި ވާދަ ކުރެއްވުމާއި މެދު އެއްޗެއް ވިދާޅުވާން އަވަސް ކަމަށް ވިދާޅުވި އެވެ. އެކަމަކު ވެވުނުގޮތަކަށް ގައުމަށް ހިދުމަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ވެރިކަމުގެ ބޭނުމުގައި އެ ޕާޓީ އާއި ގުޅުނު މީހަކަށް އެމަނިކުފާނު ނުވާނެ ކަމަށެވެ. އެއީ އެމަނިކުފާނު ޕީޕީއެމްއާިއ ގުޅިވަޑައިގެންނެވީ އިންތިހާބާއި ކައިރިކޮށް އެކަނި ނޫން ކަމަށާއި ޕީޕީއެމް އާއި ގުޅިވަޑައިގެންނެވީ އަމިއްލ ޕާޓީ އުވާލައްވާ އެކުގައި ޕާޓީގައި އުޅުއްވި ބޭފުޅުންނާއި ވެސް އެކު ކަމަށެވެ.
އެހެން ކަމުން މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައިވާ ފަދަ "މިނިކާ ބާޒުތަކެއް" ގެ ގޮތުގައި އެމަނިކުފާނު ނުވާނެ ކަމަށް ވިދާޅުވި އެވެ.
"މިނިކާ ބާޒުތަކެއް" ޕީޕީއެމްއަށް ވެރިވެގަންނާނެ ކަމަށް ވިދާޅުވެ ޔާމީން ވާހަކަ ދެއްކެވީ އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ތުހުމަތުތަކާ އެކު ޝަރީއަތް ފަށާފައި ވަނިކޮށް ޕާޓީގެ އާއްމު މެމްބަރުންނަށް ދެއްވި މެސެޖެއްގައި އެވެ. އެ މެސެޖުގައި ވިދާޅުވީ އެ މަނިކުފާނު ޕާޓީގެ މަސައްކަތްތަކުގައި ނެތް ހާލަތެއްގައި "މިނިކާ ބާޒުތަކެއް" ޕާޓީއަށް ވެރިވެގަންނަން މަސައްކަތް ކުރާނެ ކަމަށާއި އެ ފުރުސަތު ނުދޭން އާއްމު މެމްބަރުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ވަހީދު ވިދާޅުވީ ޕީޕީއެމް އާއި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގެން އިންތިޚާބުން ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ. އެކަމަކު ސިޔާސީ މަސްރަހު ފުރޮޅިގެން ދަނީ ޔާމީނަށް މި ސަރުކާރުގެ ދަތިކުރުންތަކާ އެކުގައި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް