ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލު ކޮށްފި އެވެ.
މަލީހުގެ އިތުރުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެ މައްސަލަ 14 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މި މައްސަލައިގަ ޖަވާބުދާރީވުމަށް މަލީހުއަށް ނޯޓިސް ފޮނުވީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައި އެވެ. އެޖެންޑާގައި ވާގޮތުން މާދަމާ ޖަލްސާގައި އެންމެ ފުރަތަމަ ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ މަޖިލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އެވެ.
މަޖިލީހު ކޮމިއުނިކޭޝަން މިނިސްޓަރަކަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެވެ.
މަލީހާއި މެދު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހިތްހަމަ ނުޖެހިގެން އުޅެނީ ދެ އަހަރު ވެގެންދިޔައިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވައިދެއް ހަދާފައި ނުވާކަމަށް ބުނެ އެވެ.
މި މައްސަލައިގަ މަލީހު ވިދާޅުވީ އަސާސެެއް ނެތް ކަމެއްގައި އިލްޒާމް އަޅުވައި އަދަބު ދޭން އުޅުމަކީ ދުސްތޫރާއި ހިލާފު ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަގާމުގައި ހުންނަވައިގެން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނޯންނާނެ ކަމަށެވެ.
މަލީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ އިތުރުނެތް ކަމަށް ނިންމައި މިނިސްޓަރު ކަމުން ވަކިކޮށްދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވުމަށްފަހު އެވެ. އެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
އޭރު އެމްޑީޕީން ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ މަޖިލީހުގެ ޖަލްސާތައް ފެށެން ވާއިރަށް މަލީހު މަގާމުން ވަކި ނުކޮށްފި ނަމަ އެމްޑީޕީން އޭނާ އާއި ދެކޮޅަށް އިތުރުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް