ޕްރިމިއާ ލީގު: ވެސްޓް ހޭމް ބަލިކޮށް ސިޓީން 13 ޕޮއިންޓުގެ ލީޑެއް ނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ވެސްޓް ހޭމް ޔުނައިޓެޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު އެޓީމުން ކާމިޔާބު ކޮށް ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. ވެސްޓް ހޭމ...

28 Feb 2021 | 02:34

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ވެސްޓް ހޭމް ޔުނައިޓެޑް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު އެޓީމުން ކާމިޔާބު ކޮށް ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ވެސްޓް ހޭމްއާއި ދެކޮޅަށް ސިޓީ ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ސިޓީންނެވެ. ރުބެން ޑިއަސްގެ ލަނޑުން މެޗުގެ 30 ވަނަ މިނެޓޫގައި ސިޓީން ލީޑުނެގި ނަމަވެސް އެޓީމަށް މާ ގިނަވަގުތަކު ލީޑު ދެމެހެއްޓޭގޮތެއް ނުވިއެވެ. ސިޓީން ލަނޑު ޖެހިތާ 10 ވަރަކަށް މިނެޓު ފަހުން ވެސްޓް ހޭމްއިން ވަނީ ލ؛ަނޑުޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 40 ވަނަ މިނެޓޫގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިކައިލް އެންޓޯނިއޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ދެ ވަނަ ހާފުގައި ސިޓީ އަށް ލީޑު ނަގައިދިނީ ޖޯން ސްޓޯންސް ކާމިޔާބު ކުރި ގޯލަކުންނެވެ. މިއީ ޕްރިމިއާ ލީގުގައި މި ސީޒަނުގައި ސްޓޯންސް ޖެހި ތިން ވަނަ ލަނޑެވެ.

މި ސީޒަނުގެ ކުރީކޮޅު ފޯމު ދަށްވި ނަމަވެސް ސިޓީން މިހާރު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މި މޮޅަކީ ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން އެޓީމު މޮޅުވި 20 ވަނަ މެޗެވެ.

މި މޮޅާ އެކު ސިޓީ އިން ވަނީ 26 މެޗުން 62 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. ލީގުގައި ޔުނައިޓެޑުން މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ނުކުންނައިރު މި ހަފްތާ ލެސްޓާ ކުޅޭނީ އާސެނަލްއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް