ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލްގެ ދެވަނަ އަށް ޖެހިލައިފި އެވެ.
ސެވިއްޔާގެ މައްޗަށް ބާސާއިން ކުރި ހޯދައިފައިވަނީ 0-2 ގެ ނަތިޖާއިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަހަޢްތާފައިވަނީ ބާސެލޯނާއިންނެވެ. އެގޮތުން ބާސާއިން ސެވިއްޔާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވެއެވެ. އެގޮތުން މެޗުގެ29 ވަނަ މިނެޓުގައި ބާސާއިން ލަނޑުޖަހާ ލީޑު ނެގިއެވެ. މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ ދިން ބޯޅައަކުން އޮސްމާނޭ ޑެމްބެލޭ އެވެ.
މި ލަނޑަށް ފަހުވެސް ބާސާއަށް އިތުރު ލަނޑުތަކެއް ޖަހަން ފުރުސަތު ލިބިފައިވެއެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، އިތުރު ލަނޑެއް ފެނިގެން ނުދިޔައެވެ. މެޗުގެ ފަހުހާފަށް ކުޅެން ނިކުމެވެސް ރަނގަޅަށް ކުޅެފައިވަނީ ބާސާއިންނެވެ. މެޗުގައި ބާސެލޯނާ އަށް ތިން ޕޮއިނއްޓް ކަށަވަރުކޮށްދިން ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ.
ރޭގެ ނަތީޖާ އާއެކު ބާސެލޯނާ ޓޭބަލްގެ ދެވަނައިގައި އޮތީ 53 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަވެފައި އޮތް ނަމަވެސް ބާސެލޯނާ އަށް އެވަރު ކުރެވިފައި އޮތީ އެރުލެޓިކޯ އަށް ވުރެ އިތުރަށް ދެ މެޗު ކުޅެގެންނެވެ.
ބާސެލޯނާ އަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ތިން ވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު އަންނަ ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އާ ދެކޮޅަށް ކުޅޭ މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް އަލުން ދެވަނަ ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް