ކ. ހިންމަފުއްޓާއި މާފުށީގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވެފައިވަނީ އެންވަޔަރަމަންޓު މިނިސްޓްރީގެ އިހުމާލުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ ދެރަށުގެ ފެނާއި ނަރުދަމާ ހިދުމަތް ފޯރުކޮށްދިނުމަށް ދޫކުރި ލައިސެންސާ އެއްގޮތަށް މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ބުނެ އިއްޔެ އީޕީއޭ އިން ވަނީ ސްޓެލްކޯ 5،000ރުފިޔާ އިން ޖޫރިމަނާ ކޮށްފައި އެވެ. އީޕީއޭ އަކީ އެންވަޔަރަމަންޓު މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާއެކެވެ.
ސެޓެލްކޯއިން ޖޫރިމަނާ ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ވަނީ ހިންމަފުއްޓާއި ތުލުސްދޫގެ ނަރުދަމާގެ މަސައްކަތާ ހަވާލުވުމުގެ ކުރިން އެ މަސައްކަތް ކުރުމުގައި ހުރި ދަތިތައް ރަސްމީކޮށް އެންވަޔަރަމަންޓު މިނިސްޓްރީއަށް އަންގައިފަ އެވެ. ނަމަވެސް، އެ މައްސަލަތައް ހައްލު ނުވެ ގިނަ ދުވަސްވެފައިވާއިރު އެންމެ ފަހުން އެކަންކަން ކޮށްދިނީ ޕްލޭނިން މިނިސްޓްރީން ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ލައިސެންސަށް އެދި ހުށަހެޅީ މަސައްކަތް ކުރުމުގައި ހުރި ދަތިތައް ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އީޕީއޭއިން ސްޓެލްކޯ ޖޫރިމަނާ ކުެި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަވެ އެވެ.
ސްޓެލްކޯއިން ބުނީ އީޕީއޭއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ ކުރަން ޖެހޭ ތަހުގީގު ރަނގަޅަށް ނުކޮށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި ޖޫރިމަނާ ކުރި ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ފަސް ނުޖެހޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ހިންމަފުއްޓާއި ތުލުސްދޫގެ އިތުރުން ވެސް ބައެއް ރަށްތަކުގެ ނަރުދަމާ ސްޓެލްކޯއާ ހަވާލު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ ހުރިހާ ރަށެއްގެ ނަރުދަމާއާ ވެސް އެންވަޔަރުމެންޓް މިނިސްޓްރީން ނިންމަންޖެހޭ ކަންތައްތައް ނިންމައި ހަވާލު ކުރުމުން ރަސްމީކޮށް ހަވާލުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް