ކޮވިޑް-19: ހެދި ފުރަތަމަ ވެކްސިން ޓެސްޓު ކުރަނީ އިންސާނުން ގަޔަށް ޖަހައިގެން

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ހެދި ފުރަތަމަ ވެކްސިން ޓެސްޓު ކުރާނީ އިންސާނުން ގަޔަށް ޖަހައިގެންކަން އެ ހެދި ކުންފުނިން ހާމަކޮށްފި އެވެ. އާންމުކޮށް ބަލިތަކުން ރައް...

28 Feb 2020 | 03:03

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ހެދި ފުރަތަމަ ވެކްސިން ޓެސްޓު ކުރާނީ އިންސާނުން ގަޔަށް ޖަހައިގެންކަން އެ ހެދި ކުންފުނިން ހާމަކޮށްފި އެވެ.

އާންމުކޮށް ބަލިތަކުން ރައްކާތެރިވުމަށް އުފައްދާ ވެކްސިން ޓެސްޓު ކުރަނީ ޖަނަވާރުންގެ ގަޔަށް ޖަހައިގެންނެވެ. އިންސާނުުންގެ ގަޔަށް ޖަހަނީ ޖަނަވާރުންގެ ގަޔަށް ޖަހައިގެން އެއީ ބަލިން ދިފާއުވެވޭނެ ވެކްސިނެއްކަން ޔަގީންވުމުންނެވެ.

ކޮރޯނާ ވައިރަސްއަށް އެންމެ ފުރަތަމަ ވެކްސިނެއް އުފެއްދިފަ މިވަނީ އެމެރިކާގެ މޮޑާނާ ކުންފުންޏަށެވެ. އެ ކުންފުނިން ބުނީ އެމްއާރުއެންއޭ-1273ގެ ނަން ދީފައިވާ ވެކްސިންގެ ފުރަތަމަ ބެޗް މިހާރު ވަނީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސެސް (އެންއައިއޭއައިޑީ)އަށް ފޮނުވާފަ އެވެ.

މޮޑާނާއިން ބުނި ގޮތުގައި އެކުންފުނިން އެ ވެކްސިން އުފެއްދީ ކޮރޯނާވައިރަހާ ބެހޭ ޖެނެޓިކް މައުލޫމާތު ލިބުނުތާ 42 ދުވަސް ތެރޭގަ އެވެ. ވެކްސިން ތައްޔާރު ކުރެވުނަސް އިންސާނުންގެ ގަޔަށް ޓެސްޓު ކުރަން ޖަހަން ފަށަނީ އޭޕްރިލް މަސް ނިމޭ ހިސާބުގައި އެވެ.

އަދި ޓެސްޓުގެ ނަތީޖާ ފެންނަން ފަށާނީ ޖުލައި މަހުގެ ތެރޭގައި އެވެ. އެހެން ކަމުން ކޮރޯނާ ވައިރަސްއަށް ވެކްސިނެއް ހެދިޔަސް އާންމުކޮށް ވެކްސިން ދެވޭވަރަށް ދުނިޔޭގެ ބާޒާރަށް ނެރެވޭވަރުވާނީ އަހަރެއްހާ ދުވަސް ފަހުންނެވެ.

މޮޑާނާގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން ފަދަ ކުންފުނިތަކާއި އެމެރިކާ ސަރުކާރުގެ ސައިންސުވެރިންވެސް ދަނީ ކޮރޯނާވައިރަހަށް ވެކްސިނެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ޗައިނާގެ ސައިންސްވެރިންވެސް އެ ބައްޔަށް ވެކްސިނެއް ތައްޔާރު ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮރޯނާ ވައިރަސްގަ މިހާތަނަށް3،000 ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު80،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެ ވައިރަސް ޖެހިފަ އެވެ.

މިދިޔަ ޑީސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޮރޯނާ ވައިރަސް ކޮންޓްރޯލްވާ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެ އެވެ. ޗައިނާގެ އިތުރުން އެހެން ގައުމުތަކުގަވެސް މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް