މެދުއިރު މަތީގެ ގައުމުތަކުގައި ހަލުވި ކަމާއި އެކު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުމްރާއަށް މީހުން ދިއުން ސައުދީ އަރަބިއްޔާއިން މަނާކޮށްފައިވާތީ އުމްރާއާ ގުޅޭ އެއްވެސް ތައްޔާރީއެއް ނުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ބުނީ އުމްރާއަށް ވިސާ ދޫކުރުން އެ ގައުމުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަން އެ މިނިސްޓްރީއަށްވެސް އަންގާފައިވާ ކަމަށެވެ. އެހެންވެ އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް ހުއްދަ ދޫކޮށްފައިވާ ޖަމާއަތްތަކުން ވަމުންދާ ތައްޔާރީތައް މަޑު ޖައްސާލަން ކުންފުނިތަކަށް އަންގާފަ އެވެ.
https://twitter.com/MVIaffairs/status/1233038191168352256
މާޗްގައި އަންނަ ސްކޫލް ބަންދާ ދިމާކޮށް އަދި މާޗް މަސްތެރޭ ކޮންމެ އަހަރުވެސް ގިނަ ދިވެހިންތަކެއް އުމްރާއަށް ދެ އެވެ. އެގޮތުން އިއްޔެވެސް އުމްރާއަށް ބަޔަކު ގޮސްފައިވެ އެވެ. އެމީހުންނަށް އެއްވެސް ދަތިކަމަކާ ނުލައި ސައުދީއަށް އެތެރެވެވިފަ ވީނަމަވެސް ދެން އުމްރާއަށް ދާ މީހުންނަށް ސައުދީއަށް އެތެރެ ނުވެެވޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ސައުދީ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނުން ވަނީ މާޗް މަހުގެ އުމްރާ ދަތުރުތައް ކެންސަލް ކޮށްފަ އެވެ. އެ ކޯޕަރޭޝަނުން ބުނީ ދެން އުމްރާވެރިންގެ ދަތުރު ރޭވިފައިވާގޮތުގެ މައުލޫމާތު އުމްރާއަށް ދާން ފައިސާ ދެއްކި މީހުންނަށް ދެމުންދާނެ ކަމަށެވެ.
ސައުދީ ސަރުކާރުން ބުނީ މަސްޖިދުލް ނަބަވީއާއި ހަރަމްފުޅު ހިމެނޭ ސަރަހައްދަށް ސައުދީ ރައްޔިތުން ނޫން ބަޔަކު ވަނުން މަނާ ކުރަނީ ހަރަމްފުޅުގެ ރައްކާތެރިކަމާއި ސައުދީ ރާއްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށެވެ.
އުމްރާގެ އިތުރުން ކޮރޯނާ ވައިރަސް ފެތުރޭ ގައުމުތަކުން ޓޫރިސްޓުންގެ ގޮތުގައި އެ ގައުމަށް އެތެރެވުން ވަނީ މަނާކޮށްފައި އެވެ. މި ނިންމުން އުވާލާނެ ވަކކި ތާރީހެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް