ހެލްތު މިނިސްޓްރީން ގަވައިދާ ހިލާފަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ 2014 ވަނަ އަހަރުގައި ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހަޅުއްވައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދަށް ފޮނުއްވާފައި ސިޓީގައި ވިދާޅުވެފައިވަނީ ބަންދުކުރާ މީހުންނަށް ކާންދޭން، ބީލަމަށް ނުލައި ނެޝަނަލް ޑްރަގު އެޖެންސީން ހަ މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އައިޖީއެމްއެޗަށް އެކި ފަރާތްތަކުންނާއި އާސަންދަ ކުންފުނިން 360 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް އިތުރު ގަޑީގެ ފައިސާ ނެގުމާއި އެގްރިމެންޓު ނުކޮށް މަސައްކަތް ހަވާލުކުރުމާއި ބަޖެޓުން ބާކީވާ ފައިސާގެ ތަފްސީލް ފިނޭންސް މިނިސްޓްރީ އަށް އެންގުމަކާ ނުލައި ހަރަދުކޮށް ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ހެލްތު މިނިސްޓްރީން ބޭނުންކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ފެން ބިލާއި ކަރަންޓް ބިލް އަދި ވޯކް ވިސާ ފީ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަށް މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ހަރަދުކުރަން ޖެހުނު ކަމަށެވެ. އެ ފައިސާ ދެއްކުމަށް ފަހު އިހުމާލުވީ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒުގެ ސިޓީގައި އެދިފައިވަނީ އެ މައްސަލަ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ބަލައި ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް