އަތޮޅު ތެރެއަށް ތަރައްގީ ގެންނާނީ ގާނޫނީ ޗާޓުގެ ތެރެއިން: ރައީސްގެ ތަރުޖަމާނު

އަތޮޅުތެރެއަށް ތަރައްގީ ގެނެސްދިނުމުގައި ގާނޫނީ ޗާޓުން އެންމެ އިންޗިއެއްވެސް ބޭރަށް ނުދާނެ ކަމަށް ރައިީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ. މުއާޒު މިހެން ވިދާޅުވެފައި މިވަނ...

28 Feb 2017 | 08:55

އަތޮޅުތެރެއަށް ތަރައްގީ ގެނެސްދިނުމުގައި ގާނޫނީ ޗާޓުން އެންމެ އިންޗިއެއްވެސް ބޭރަށް ނުދާނެ ކަމަށް ރައިީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒު މިހެން ވިދާޅުވެފައި މިވަނީ ފ. އަތޮޅު ސަރުކާރުން ސައުދީ ރަސްގެފާނަށް ވިއްކާލަން އުޅޭ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. ސަރުކާރުން ވަނީ ގާނޫނު ތަކަށް ބަދަލު ގެނެސް އިއުލާނު ނުކޮށް ފަޅު ރަށްތައް ވިއްކޭގޮތަށް ގާނޫނަށް ބަދަލު ގެނެސްފައި އެވެ.

މުއާޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އަތޮޅުތެރެއަށް ތަރައްގީ ގެނައުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ހުރަސް އަޅަމުންދާ ކަމަށެވެ. އެކަމަކު ސަރުކާރުން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ކަމަށް މުއާޒު ވިދާޅުވި އެވެ.

އެބަޔާނުގައި ވަނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ގަބޫލު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިފައި އެވެ. އަދި ތަރައްގީއަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައްޔިތުންގެ ކިބައިން މުއާޒު އެދިވަޑައިގެންފައިވެ އެވެ.

މުއާޒު ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓުކޮށް ތަރައްގީއަށް މިވޭތުވެދިޔަ ތިން އަހަރު އިދިކޮޅު ފަރާތްތަކުން އަޅަމުން ދިޔަ ހުރަސްތަކަށް ރައީސް އަބްދުﷲ ޔާމީން ކުރި ހޯއްދެވިތަން ރައްޔިތުންނަށް ފެނި، ހެކިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އެކަމުން ކުރިއެރުން ނުލިބުމުން އަތޮޅުތެރެއަށް ގެންނަން އުޅޭ ތަރައްގީއަށް ހުރަސް އެޅުމުގެ ގޮތުން އެ ރަށްރަށުގެ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކަމަށެވެ.

އިއުލާނު ނުކޮށް ރަށްތައް ވިއްކޭ ގާނޫނަސް ޕީޕީއެމް މެންބަރުން މަޖިލީސް ތެރެއިން ގެނައި ބަދަލާއި ގުޅޭގޮތުން ދާދިފަހުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެފައިވަނީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން ބިދޭސީއެއްގެ ނަމަށް ގައުމުގެ ބިންތައް މިލްކު ކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް