މައްސަލަތައް ހުރިކަމަށް ބުނެ އެމްޑީޕީގެ ޕްރައިމަރީ ވޯޓުލުން ހުއްޓުވަނީ!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން އެކި މަރުކަޒުތަކުގައި ހުއްޓުވާ މައްސަލަ އިތުރު ވެއްޖެ އެވެ. މިއަދު ހެނދުނު 9:00 ގައި ޕްރައިމަރީގެ ވޯޓުލުން ފަށަން ހަމަޖެއްސި ނަމަވެސް ބައެއް ރަށްރަށުގައި ގަޑި...

28 Jan 2023 | 07:44

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން އެކި މަރުކަޒުތަކުގައި ހުއްޓުވާ މައްސަލަ އިތުރު ވެއްޖެ އެވެ.

މިއަދު ހެނދުނު 9:00 ގައި ޕްރައިމަރީގެ ވޯޓުލުން ފަށަން ހަމަޖެއްސި ނަމަވެސް ބައެއް ރަށްރަށުގައި ގަޑިއަށް ފެށިފައެއް ނުވެ އެވެ. މައްސަލަތައް ކުރިމަތިވެގެން ވޯޓުލާން ބައެއް ރަށްރަށުގައި ފެށިފައިވަނީ 11:00 ގައި އެވެ.

އޭގެ ފަހުން ވޯޓާސް ލިސްޓުގައި ނެތް މީހުން ވޯޓުލާ މައްސަލައާއި ލިސްޓު އޮޅުވާލާފައިވާ ކަމަށް ބުނެ މައްސަލަތަކެއް ދަނީ ފެންމަތި ކުރަމުންނެވެ. މިހުރިހާ މައްސަލައެއް ޖައްސަމުން ދަނީ ކެންޑިޑޭޓު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުންނެވެ.

އެ ޓީމުން ހިތްހަމަ ނުޖެހުން ފާޅުކޮށް ވޯޓުލުން ހުއްޓުވާލި ތަންތަނުގެ ތެރޭގައި ތާޖުއްދީން ހިމެނެ އެވެ. އެ ސްކޫލްގައި ބަހައްޓާފައި ހުރި ވިލިނގިލީ ދާއިރާގެ ވޯޓު ފޮއްޓަށް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ކަމަށް ބުނެފައިވެ އެވެ. އެ މައްސަލަ ހައްލު ކުރުމަށް އެތަނަށް އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ މެމްބަރުންވެސް ވަޑައިގެންނެވި އެވެ.

ރައީސް ނަޝީދުގެ ޓީމުން ބުނީ ނަން ނެތް މީހަކު ވޯޓު ލީކަމަށް ވޯޓު ފޮށީގެ އޮފިޝަލުންވެސް ޔަގީންކޮށްދިން ކަމަށެވެ. މި މައްސަލައިގަ އެތައް ވާހަކަތަކެއް ދެއްކުމަށް ފަހު މިހާރު ވަނީ އަލުން ވޯޓުލާން ފަށަފައި އެވެ.

ހިރިޔާ ސްކޫލްގައި ވޯޓުލުން ހުއްޓުވީ ވޯޓާސް ލިސްޓު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އަދި ވޯޓުލުން ކުރިޔަށްގެންދާ ގޮތުގެ އިންތިޒާމްތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ. އެތަނުގައި ވެސް ހިތްހަމަ ނުޖެހިގެން އުޅެނީ ނަޝީދުގެ ސަޕޯޓަރުންނެވެ.

ގދ. ހޯނޑެއްދޫގައިވެސް ވޯޓުލުން ވަނީ މެދުކަނޑާލާފައި އެވެ. އެރަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ކަމަށެވެ. އެ މައްސަލަ ނުބަލަނީސް ވޯޓުލުން ކުރިއަށް ގެންދަން އެއްބާރުލުން ނުލިބޭނެ ކަމަށް ފިރުޝާން ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެ އެވެ.

ނަޝީދު ޓީމުގެ މި ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީގެ އިންތިހާބު ކޮމިޓީން އަދި އެއްޗެއް ނުބުނެ އެވެ

މި އިންތިހާބުގައި57،700 އަށްވިރެ ގިނަ މީހުން ވޯޓުލާނެ އެވެ. ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ މިއަދު ހަވީރު ފަހެއް ޖަހަންދެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް