ޖަޕާނަށް، އެ ގައުމުން ބޭރު މީހުން ވަނުން މަނާ ކުރަން ނިންމައިފި އެވެ.
މިގޮތަށް ނިންމީ އެގައުމުން ކޮރޯނާވައިރަހުގެ އާ ބާވަތް ފެނުމާ ގުޅިގެން ނެވެ.
އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މާދަމާއިން ފެށިގެން އެގައުމަށް ބޭރު ގައުމުތަކުގެ ރައްޔިތުން ދިޔުން މަނާ ވާނެ ކަމަށެވެ. އަދި އަންނަ މަސް ނިމެންދެން މި ނިންމުން ދަމަހައްޓާނެ ކަމަށެވެ.
ބޭރު ގައުމުތަކުގެ މީހުންނަށް އެގައުމަށް ނުދެވުނު ނަމަވެސް ޖަޕާނުގެ ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް އެގައުމަށް ވަދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެ މީހުން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޖަޕާނުން އެ ފިޔަވަޅު އެޅީ އެގައުމުގެ ހަ މީހެއްގެ ހަށިގަނޑުން ކޮރޯނާވައިރަހުގެ އާ ސްޓްރެއިން ފެނުމުންނެވެ. އޭގެ ތެރެއިން ފަސް މީހަކަށް ބަލި ޖެހުނީ އިނގިރޭސިވިލާތުން ޖަޕާނަށް ދިޔަ ފަހުން ކަމަށްވީ ނަމަވެސް ހަ ވަނަ މީހާ އެގައުމަށް ގޮސްފައެއް ނުވެ އެވެ.
އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއާ ގުޅިގެން 40އަށް ވުރެ ގިނަ ގައުމުން ވަނީ އެގައުމާ ދޭތެރޭ ކުރާ ދަތުރުތަކަށް ހުރަސް އަޅާފަ އެވެ. އަދި އެ ސްޓްރެއިން ދެން ފެނުނު ގައުމުތަކުގެ ފްލައިޓުތައްވެސް ބައެއް ގައުމުތަކުން ވަނީ ކެންސަލްކޮށްފަ އެވެ.
އިނގިރޭސި ސަރުކާރުން ވަނީ އެ ސްޓްރެއިން އަކީ އާއްމުކޮށް ފެތުރޭ ސްޓްރެއިންއަށް ވުރެ މާ ބޮޑަށް ފެތުރޭ ބާވަތެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ ނުވަތަ އޭތި ވެކްސިންއަށް ނުގުޑާނެ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސާ ކްރިސް ވިޓީ ވިދާޅުވި އެވެ.
ޖަޕާނުގަިއ މިހާތަނަށް 218،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓވްވެ، ބަލީގައި 3،062 މީހަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް