އިންތިހާބު ބޭއްވުމަށް ގާނޫނު އަލުން އިސްލާހު ކޮށްދިނުމަށް އެދިއްޖެ

މިދިޔަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިންތިހާބާއި ބެހޭ ހާއްސަ ގާނޫނު އަލުން އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ. މިކަމަށް އެދިވަޑައިގެންނެވީ އީސީގެ މެންބަރު އިސްމ...

27 Dec 2020 | 08:35

މިދިޔަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އިންތިހާބާއި ބެހޭ ހާއްސަ ގާނޫނު އަލުން އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ.

މިކަމަށް އެދިވަޑައިގެންނެވީ އީސީގެ މެންބަރު އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި އެވެ. އޭނާ އެ ޓުވީޓު ކުރެއްވީ ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ނަމަ ވައިރަސް ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށް އެޗްޕީއޭއިން ބުނުމުންނެވެ.

ހަބީބުގެ ޓުވީޓުގައި ވިދާޅުވީ ގާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށްޓަކައި ގާނޫނު ނަމްބަރު 2020/3 ގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާހު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ އިސްލާހަކީ އިންތިހާބު ބާއްވަން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހޭނެ ކަމަށް ބުނާ މާއްދާ އެވެ.

https://twitter.com/IsmailHabeeb/status/1343066171520610305

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ މާޗް ހަ ވަނަ ދުވަހު އެވެ. އެކަމަކު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފި ނަމަ އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ އެވެ.

އީސީ އާއި އެޗްއީއޯސީން ދަނީ އިންތިހާބު ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.

ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހެ އެވެ. އަދި އިންތިހާބު ބޭއްވޭނީ ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އިންތިހާބު ކުރިޔަށް ގެންދިޔުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް