ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނަކީ މި ސަރުކާރުގެ ކަރަށް މެހުނު މަޅިއެއް ކަމަށް ކުރީގެ ނައިބު ރައިސް އަދި މިހާރުގެ ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރޭ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖަމީީލް ވިދާޅުވީ އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީ އިސްވެ އޮވެ އެންމެ ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނަކީ އެ ޕާޓީގެ އަމިއްލަ ކަރަށް މަހައިލި މަޅިއެއް ކަމަށެވެ. އެ ގާނޫނުގެ ދަށުން ފުރަތަމަ ބަލަން ޖެހޭނީ އެމްޑީޕީގެ ސަރުކާރުން މީހުންނަށް ދީފައިވާ އަނިޔާތައް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ޑރ. ޖަމީލް ވަނީ އެ ގާނޫނުގެ ދަށުން ބަލަން ޖެހޭ މައްސަލަތަކެއް ފާހަގަ ކުރައްވާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލަ، އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލަ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި މައްސަލަ، ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލަ އާއި ޑރ. ޖަމީލް ހައްޔަރު ކުރި މައްސަލައިގެ އިތުރުން މުލިއާގޭ ތެރޭގައި ހޯރަ އިއްބެ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެހެން ރައްޓެހިން ދިރިއުޅުނު މައްސަލަ އެވެ.
ޑރ. ޖަމީލް ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނު އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭނީ ޕީޕީއެމްގެ ސަރުކާރަކަށް ކަމަށެވެ.
އެގޮތުން ޕީޕީއެމްގެ ވެރިކަމެއްގައި އެ ގާނޫނުގެ ދަށުން ނޮވެމްބަރު ތިނެއްގައި ޝަހީދުވި މީހުންގެ އާއިލާތަކަށް އިންސާފު ލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ގާނޫނު ރަނގަޅަށް ތަންފީޒު ކުރެވިއްޖެ ނަމަ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 1،000 އަހަރަށް ޖަލަށް ލާން ޖެހޭނެ ކަމަށެވެ.
އިންތިގާލީ އިންސާފުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ. އެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ގާނޫނަކަށް ހެއްދެވީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
އިންތިގާލީ އިންސާފުގެ ނަމުގައި ގާނޫނު ހެދުމުގެ މަގުސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެކަމަށް އިންސާފު ހޯދައިދިނުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް