"އަލްމަސް"ގެ ތިން ބައިވެރިންގެ ކުރިއެރުމަކީ ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން!

ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރެވޭނި ކެރޭ ހީވާގި މުރާލި މީހަކަށެވެ. މަސައްކަތް ކުރަން ކެރިއްޖެ ނަމަ ތަނަކަށް ގޮސްގެން ވަޒީފާއެއް އަދާނުކުރިޔަސް ގޭގައި އާމްދަނީ ހޯދޭނެ ގޮތްތައް މިހާރު އެބަ ހުއްޓެވ...

27 Dec 2020 | 04:43

ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރެވޭނި ކެރޭ ހީވާގި މުރާލި މީހަކަށެވެ.

މަސައްކަތް ކުރަން ކެރިއްޖެ ނަމަ ތަނަކަށް ގޮސްގެން ވަޒީފާއެއް އަދާނުކުރިޔަސް ގޭގައި އާމްދަނީ ހޯދޭނެ ގޮތްތައް މިހާރު އެބަ ހުއްޓެވެ. ޒަމާނަށް އައި ބަދަލާއި އެކު ހުރިހާ ބާވަތެއްގެ ވިޔަފާރިއެއްގައިވެސް އޮންލައިން ވިޔަފާރިއަކީ އާމްދަނީ ހޯދުމުގައި އެންމެ ބަރޯސާވާ އެއް ނިޒާމެވެ.

އާމިނަތު ނަޝާ އަަކީ މަންމަ އާއި އޭނާގެ އެކުވެރިއަކާއި ގުޅިގެން ފެހުމުގެ ވިޔަފާރި ކުރާ ބައެކެވެ. ތިން ކަނބަލުން ގުޅިގެން ވިޔަފާރި ކުރަނީ އޮންލައިންކޮށެވެ.

ފޭސްބުކް ޕޭޖު "އަލްމަސް އެމްވީ" އަކީ މި ތިން ކަނބަލުން ގުޅިގެން ހިންގާ ޕޭޖެކެވެ. ހެދުން ފެހުމާއި އަބާޔާއަށް ހާއްސަ މި ޕޭޖަކީ އަންހެން ކަނބަލުންނަށް ބޭނުންވާނެ ތަކެތި ވިއްކާ ޕޭޖެކެވެ.

ޕޭޖުގެ ހިންގައި އޯޑަރު ނަގާ ހަދަނީ ނަޝާ އެވެ. ވިޔަފާރީގައި ހިސާބު ބަލަހައްޓަނީ އެކުވެރިޔާ އެވެ. ލިބޭ އޯޑަރުތަކަށް ހެދުން ފެހުމުގެ ހުރިހާ މަސައްކަތެއް ކުރަނީ ނަޝާގެ މަންމައެވެ.

"އަލްމަސް" ޕޭޖު ހިންގަން ފެށީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ. ވިޔަފާރި ފެށިތާ މާގިނަ ދުވަސް ނުވިނަމަވެސް މި ޕޭޖުވަނީ އާންމުންގެ މެދުގައި މަގުބޫލު ޕޭޖަކަށް ވެފައި އެވެ. ނަޝާ "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ ވިޔަފާރި ފަށައިގެން ހޭދަވި މުއްދަތާއި އަޅާ ބަލާއިރު އެކަށީގެންވާ އާމްދަނީއެއް ލިބެމުންދާ ކަމަށެވެ.

އެގޮތުން ކޮންމެ މަހަކު ގާތްގަނޑަކަށް ފެހުމަށް 50 އަށްވުރެ ގިނަ އޯޑަރު ލިބޭ ކަމަށް އޭނާ ބުންޏެވެ. އެ ޕޭޖު މެދުވެރިކޮށް ފަހައިގެން ވިއްކާ ތަކެތީގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިންގެ ހެދުމެވެ. ނަޝާ ބުނީ އޯޑަރު ނަގަނީ ވީހާވެސް ނިވާކަން ބޮޑު ހެދުން ފެހުމަށް ކަމަށެވެ.

މިހާތަނަށް އެއްވެސް ކަސްޓަމަރެއްގެ ފަރާތުން ނުހުރުމުގެ ބަހެއް ލިބިފައި ނުވާ ކަމަށާއި ފަހައި ދޭނެ ކަމަށް ބުނާ ސުންގަޑިއަށް ފަހާ ނިންމައި ކަސްޓަމަރުންނާއި ތަކެތި ހަވާލު ކުރާ ކަމަށް ބުންޏެވެ. އަދި ރާއްޖެއިން ބޭރުން އެތެރެކޮށްގެން ވިއްކާ ހިޖާބާއި އެނޫންވެސް ކަނބަލުންނަށް ބޭނުންވާ ތަކެތީގެ ފެންވަރާއި މެދު ކަސްޓަމަރުން މިހާތަނަށް ހިތްހަމަ ނުޖެހިގެން ޝަކުވާ ކޮށްފައި ނުވާކަމަށް ބުންޏެވެ.

ނަޝާ ބުނީ މަންމަ އާއި އެކުވެރިޔަކާއި ގުޅިގެން އުފެއްދި "އަލްމަސް" އަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ކާމިޔާބަކީ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އިތުބާރު ކަމަށެވެ. އަދި ޕޭޖުން ތަކެތި ވިއްކާ އަގާއި މެދު ކަސްޓަމަރުން ވަރަށް ހިތްހަމަ ޖެހޭ ކަމަށް ބުންޏެވެ.

ކަސްޓަރުންގެ އިތުބާރަކީ ވިޔަފާރިއަކަށް މުހިންމު ކަމެކެވެ. ކަސްޓަމަރުން ހިތްހަމަ ނުޖެހޭ ގޮތަކަށް ވިޔަފާރި ކުރެވޭނެ ނަމަ ކުރިއަރައިގެން ދިޔުމަކީ ވަރަށް އުނގަދޫ ކަމަށްވާނެ އެވެ.

"އަލްމަސް" ގެ ތީމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދަމުންދާ ކާމިޔާބަކީ އަންހެން ކަނބަލުންނަށް ރީތި ނަމޫނާ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް