އިނގިރޭސިވިލާތުން އަންނަ ދިވެހިންނާއި ވޯކް ވިސާ އޮންނަ ބިދޭސީން ކަރަންޓީން ވާން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރުނު އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19ގެ އާ ވޭރިއަންޓެއް ފެނި ކޯވިޑްގެ އެ ބާވަތް ބާރަށް އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކަމަށެވެ. އެހެންވެ އިނގިރޭސިވިލާތުގައި 12 ގަޑި އިރަށް ވުރެ ގިނައިރު ހޭދަކޮށްފައި އަންނަ ދިވެހިންނާއި، ވޯކް ވިސާގައި އަންނަ ބިދޭސީން ރާއްޖެއަށް އައުމަށް ފަހު 10 ދުވަހު ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.
މި އުސޫލަށް އަމަލު ކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.
މި އެންގުމުގައި ބުނީ އިނގިރޭސިވިލާތުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ ބޭރު މީހުން ކަރަންޓީނުކުރުމުގެ އިތުރުން، އެ މީހުން ރާއްޖެއަށް އަންނަތާ ފަސް ދުވަހަށް ފަހު ކޯވިޑަށް ޓެސްޓްކުރާނެ ކަމަށާއި އޭގެ ފަހުން އަނެއްކާ 10 ދުވަހަށް ފަހު ވެސް ޓެސްޓްކުރާނެ ކަމަށެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން އަންނަ މީހުން ކަރަންޓީން ވާން ޖެހުނަސް ރާއްޖެއިން ބޭރުން އަންނަ އެހެން ދިވެހިންނާއި ވޯކް ވިސާ ބިދޭސީންނެކޭ އެއްގޮތަށް 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓެއްގެ ނަތީޖާ ގެންނަން ޖެހެ އެވެ.
އެ އެންގުމުގައި ވަނީ އިދާރާތަކުން އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް އަމަލު ކުރޭތޯ ބަލައި ފިޔަވަޅު އެޅުމަށް އަންގާފައިވެ އެވެ.
އެޗްޕީއޭއިން ކުރިން ބުނީ އިނގިރޭސިވިލާތުން ޓޫރިސްޓުން އައުން ހުއްޓުވާ ނުލާނެ ކަމަށެވެ. އޭގެ ބަދަލުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނީ ކަމަށާއި އެންމެ މުހިންމު ކަމަކީ ބަލިން ރައްކާތެރިވުމަށް ގިނައިން އަތް ދޮވުމާއި މާސްކު އެޅުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް