ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ކުޅިވަރު މުބާރާތްތައް ބޭއްވުން މަޑު ޖައްސާލުމަށްފަހު ނިމިގެން ދިޔަ މަސްތެރޭ އަލުން ފޮނަދޫއަށް ކުޅިވަރު މުބާރާތްތަށް ކުރިޔަށް ގެންދިއުމަށް ހުއްދަ ދިނުމާއި އެކު ފުޓްސަލް މުބާރާތްތަކުގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ. އެގޮތުން ފުޓްސަލް މުބާރާތްތައް އިންތިޒާމް ކުރެވި އެ ފަރާތްތަކުން މުބާރާތްތަކަށް ތައްޔާރުވަމުން ގެންދަނީ ނުހަނު ފޯރިއާއި ޖޯޝާއި އެކުގައެވެ.
ފޮނަދޫ ކައުންސިލުން ދިން ހުއްދައާއި އެކު އެންމެ ފުރަތަމަ ވެސް ބޭއްވުނު އެއް މުބާރާތަކީ ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020އެވެ. މި މުބާރާތަކީ ރަށުފެންވަރުގައި ކުރިޔައްދިޔަ މުބާރާތެއް ނަމަވެސް ރާއްޖޭގެ ނަން މަޝަޙޫރު ގިނަ ފުޓްސަލް ކުޅުންތެރިން މި މުބާރާތުގައި ކުޅެފައިވެއެވެ. ގިނަ ބަޔަކު ފާހަގަ ކުރި ގޮތުގައި އެންމެ ބޮޑު އެއްމައްސަލަ އަކ ފޮނަދޫގައި މިހާރު އޮތް ހަމައެކަނި ފުޓްސަލް ދަނޑު ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައިވާ ކަމެވެ. އަދި މި ދަނޑު ފިޔަވާ އިތުރު ޓާފް ދަނޑެއް ފޮނަދޫގެ އަވަށްތަކަށް ނެތުމުގެ މައްސަލައެވެ.
މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ބޮޑު ބައެއް ހަލާކުވެ ވީރާނާވެފައިވާ ފޮނަދޫގެ މި ފުޓްސަލް ދަނޑަކީ ރައީސް ޔާމީހުގެ ސަރުކާރުގައި ހަނޑާފައިވާ ދަނޑެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އޭރު ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދުރޭގެ މޭސްތިރިކަމުގެ ދަށުން ހަދާފައިވާ މި ފުޓްސަލް ދަނޑު ހަލާކުވެ ވީރާނާ ވަމުންދާއިރު، އެ ވެރިކަން ނިމުނު ފަހުން މި ދަނޑު މަރާމާތު ކޮށް ބެލެހެއްޓުމުގެ ޒިންމާ ނަގާފައިވަނީ ފޮނަދޫ ޔޫތް ސެންޓަރުންނެވެ. އެފަރާތުން ދަނޑު މަރާމާތު ކުރުމަށް މާބޮޑު މަސައްކަތެއް ކޮށްފައިނުވާއިރު، ރަށު ކައުންސިލުންވެސް މިކަމަށް މާބޮޑު ސަމާލުމަކެއް ދީފައި ނުވާކަމަށް ފޮނަދޫ ޒުވާނުން ބުނެއެވެ.
މި ދަނޑަކީ ފޮނަދޫގެ ތިން އަވަށް ނިސްބަތްވާ ޒުވާނުން ވެސް ފަރިތަކުރުންތަކަށާއި މުބާރާތްތައް ބޭއްވުމަށް ބޭނުންކުރާ ހަމައެކަނި ޓާފް ދަނޑުކަމުގައިވާއިރު މިކަމުގައި ފޮނަދޫގެ ޒުވާނުންނަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.
ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 12:00 އާއި ހަމައަށް ޒުވާނުން ފަރިތަކުރަން ދަނޑު ދޫކޮށްފައި އޮންނަ އިރު، ފޮނަދޫ ތިން އަވަށު ހުރިހާ ޒުވާނުން ކަހަލަ ގޮތަކަށް ފަރިތަކުރުންތަކަށް އެ ދަނޑު ބޭނުންކުރެއެވެ. މިހާރުވެސް ދަނޑު ބޭނުންކުރަމުން އަންނައިރު، ދަނޑުގައި އަޅާފައި ވާ ޓާފް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މީގެ އިތުރުން ޓާފް ދަނޑުގައި ހުރި ބެންޗުތައްވެސް ވަނީ ހަލާކުވެފައެވެ. މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އެ ރަށުގެ ޒުވާނުން ވަނީ ޔޫތު މިނިސްޓްރީ އާއި ފޮނަދޫ ދާއިރާގެ މިހާރުގެ މަޖިލީސް މެމްބަރުގެ ސަމާލުކަމަށްވެސް މި މައްސަލަ ގެނެސްފައެވެ.
ފޮނަދޫ ޒުވާނުން ބޭނުންވަނީ ރަށު ކައުންސިލާއި، މަޖިލީސް މެމްބަރުގެ އިތުރުން ޔޫތު މިނިސްޓްރީންވެސް މިކަން ރަނގަޅަށް ބަލާ އަވަސް ހައްލެއް ހޯދައިދިނުމެވެ.
ރާއްޖޭގެ ނިސްބަތުން ބޮޑެތި ގިނަ މުބާރާތްތަކެއް ކޮންމެ އަހަރަކުވެސް ފޮނަދޫގައި ބާއްވަމުން އަންނައިރު، މި މުބާރާތްތަކަށް ބޭނުންކުރާ ޓާފް ދަނޑު ހަލާކުވެ ވީރާނާވެފައި އޮތުމަކީ އެއްވެސް މީހަކު ބަލައިގަންނާނޭ ކަމެއް ނޫނެވެ. ފޮނަދޫ ޒުވާނުން ތިބީ ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއްގެ އިންތިޒާރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް