ރުގްޔާ ކުރުމުގެ ނަމުގައި ހަތަރު މައިން ގޭގައި ބަންދުކޮށް ތަޅާ އަނިޔާކޮށް ހެދި މައްސަލައި ބަންދު ކުރި އެ އަންހެން މީހާގެ ފިރިމީހާ އާއި ރުގްޔާ ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެ ރެއާއި އިއްޔެ ހެނދުނު ކަމަށެވެ. ހައްޔަރު ކުރީ އުމުރުން 24 އަހަރާއި 39 އަހަރުގެ ދެ މީހުންނެވެ.
އެ މައްސަލައިގެ އިތުރު މައުލޫމާތު ދެއްވަމުން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ މީހުންގެ މުއްދަތު ޖެހުމަށް ކްރިިނަލް ކޯޓަށް ހާޒިރު ކުރުމުން 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެއީ އެ އަންހެން މީހާގެ ފިރިމީހާ އެވެ.
އަދި 24 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެއީ ރުގްޔާ ކުރަން އެގެޔަށް ގެންދިޔަ މީހާ އެވެ.
އޭގެ ތެރެއިން ރުގްޔާ ކުރި މީހާއަށް ފުލުހުން ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ. އެ އަންހެން މީހާގެ ފިރިމީހާއަށް ތުހުމަތު ކުރަނީ ރުގްޔާކުރާ މީހާގެ އަމަލުތަކަށް ހިތްވަރުދީ އޭނާ ވެސް އެ އަނިޔާގައި ބައިވެރިވެފައިވާކަމަށް ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރުގްޔާ ކުރާ މީހާ ޖިންސީ އަނިޔާ ކުރީ އެ އަންހެން މީހާގެ ހަތް އަހަރުގެ ދަރިފުޅަށެވެ.
މެދުރާއްޖެ ތެރޭގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން އެ އަންހެން މީހާއި އާއި އޭނާގެ ތިން ދަރިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްދެން ގެންގުނު ކަމަށްވެ އެވެ. މިވާހަކަތަށް މީޑިއާގައި ކިޔައި ދިނީ އަނިޔާ ލިބުނު އަންހެން މީހާ އާއި އެ އާއިލާ މީހެކެވެ.
އެ އަންހެން މީހާގެ ގައިގައި ޖިންނި އެއް އުޅޭކަމަށް ބުނެ ރުގްޔާ ކުރަން ފެށީ ބޮލުގައި ރިއްސާތީ ކަމަށް އެ އަންހެން މީހާ ބުނެފައިވެ އެވެ. އަދި ރުގްޔާ ކުރަން އޭނާ އާއި ތިން ކުދިން ގޭގައި ބަންދުކޮށް އަނިޔާ ކުރުގެ އިތުރުން އެހެން މީހުންނާއި މުއާމަލާތް ނުކުރެވޭ ގޮތަށް ފޯނު އަތުލި ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އެ އަންހެން މިހާ އާއި އޭނާގެ އުމުރުން ހަތް އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމަށާއި އެ ކުޑަކުއްޖާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެ އެވެ. އޭނާ އެކަމުން ސަލާމަތްވީ އެ ރަށުގައި އުޅޭ އާއިލާ މީހަކަށް ގުޅޭގޮތް ވެގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
އެ އަންހެން މީހާ ބުނީ ފުލުހާއި ޖެންޑާއަށް ހުށަހެޅުމުންވެސް އެކަން ބެލޭގޮތް ނުވީ ފިރިމީހާގެ ވާހަކަތައް އެމީހުން ގަބޫލު ކުރުމުންނެވެ.
މި މައްސަލައިގަ ޖެންޑާ މިނިސްޓްރީން ބުނީ އެ އާއިލާގެ ރައްކާތެރިކަން ފޯރުކޮށްދީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް