ރާއްޖޭގައި ސިއްހީ ޚިދުމަތް ދިނުމުގައި އެންމެބޮޑު ޗެލެންޖަކީ ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެރަށަކީ އާބާދީ ކިތަންމެ ކުޑަނަމަވެސް އަދި ބޮޑުނަމަވެސް ބޭސިކް ސިއްހީ ޚިދުމަތް ގާއިމުކުރަން ޖެހޭ ކަމަށެވެ. އަދި މިއީ ޢާންމު ހާލަތުގައިވެސް އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.
އެކަން އެގޮތަށް އޮތް ނަމަވެސް، ސިއްހީ ޚިދުމަތްތައް ރަނގަޅަށް ދެވޭތޯ ހެލްތު މިނިސްޓްރީން ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ކޮވިޑް ހާލަތު މެދުވެރިވި އިރު، އެންމެބޮޑު ޗެލެންޖަކަށްވީ އިންސާނީ ވަސީލަތްތައް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ޚާއްސަކޮށް ތަމްރީނުވެފައިވާ ޑޮކްޓަރުންނާ ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުން ނެތުމަކީ ދިމާވި އެންމެބޮޑު އެއްގޮންޖެހުން. ޢާންމު ހާލަތުގައިވެސް މިފަދަ މީހުންނަކީ މަދު ބައެއް. އެހެންވެ، އިތުރަށް މީހުން ހޯދުމުގެ މަސައްކަތް ޚާއްސަކޮށް ކޮވިޑުގެ ހާލަތާއި ގުޅިގެން ފެށި." ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ޚާއްސަކޮށް މާލޭގައި ކޮވިޑު ކޭސްތައް އެންމެގިނަވެގެން ދިޔަ އިރު، ސިއްހީ ޚިދުމަތްތެރިން ބޭނުން ކުރީ ނޮން-ކޮވިޑު ބައެއް ޚިދުމަތްތައް މެދުކަނޑާލައި، ބައެއް ޚިދުމަތްތައް އޮންލައިންކޮށްގެން ކަމަށެވެ.
ނަމަވެސް އެހެނިހެން ސިއްހީ ޚިދުމަތްތައް ހުއްޓާލައިގެން މާގިނަ ދުވަހު ނުތިބެވޭނެ ކަމަށާއި އެހެންވެ، މާލެ ސަރަހައްދުގައި ނޮން-ކޮވިޑުގެ ޚިދުމަތްތައް ގާތްގަޑަކަށް ފަށައިގެން މިހާރުކުރިއަށްދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް