ފަހުދުގެ ކިބައިން އެއްވެސް މީހަކަށް އެކަން އެނގުމުގެ ކުރިން ފަހުދާ ވާހަކަދައްކަން ޒާރާ ނިންމިއެވެ. އާއިލާ ތެރޭގައި މަސްލަހަތު ގެއްލޭފަދަ ކަމެއް ވާން ޒާރާ ނޭދޭތީއެވެ. އެހެންކަމުން މިއަދު ޒާރާއަށް ފަހުދާ ދޭތެރޭގައި ކަންތައްކުރެވުނު ގޮތާމެދު ފަހުދުގެ ކިބައިން މާފަށް އެދެން އޭނާ ގަސްދުކުރިއެވެ.
އެނދުގައި އޮށޯވެލައިގެން އޮވެ ޒާރާ ވިސްނަމުން ދިޔައީ ފަހުދުގެ ކިބައިން މާފަށް އެދޭނެ ގޮތަކާ ދޭތެރޭގައެވެ. ފަހުދުގެ ފޯނަށް ގުޅަންވެސް ޒާރާ ކިތައްމެ ފަހަރަކު ހިތަށް އަރައިފިއެވެ. އެހެންނަމަވެސް އެކަންވެސް ކުރެވޭކަށް ނެތެވެ. ސަބަބަކީ ޒާރާއަށް ފަހުދުގެ ނަމްބަރު ނޭނގޭކަމެވެ. ދެން އޮތްގޮތަކީ ފަހުދާ ބައްދަލުކޮށް މާފަށް އެދުމެވެ. އެއީ އަދި ކުރަން މާ އުނދަގޫކަމެކެވެ. ޒާރާ ފަހުދާ ބައްދަލު ކުރަންޏާ ދާންޖެހޭނީ މައިދައިތަގެ އެޕާޓްމަންޓަށެވެ. އެބައިގައި ކިތަންމެ ބަޔަކު އުޅޭނެއެވެ. މީހުން ތެރޭ އިންދާ ފަހުދަށް ގޮވާކަށް ޒާރާއަކަށް ނުކެރޭނެއެވެ. ދެން އޮތް ގޮތަކީ ފަހުދުގެ ކޮޓަރިއަށް ފަހުދާ ބައްދަލުކުރަން ދިއުމެވެ. އެ ޚިޔާލު އައުމާއެކު ޒާރާގެ މޭ ތެޅިގެންފިއެވެ. ޒާރާ އެކަނި އެގޮތަށް ފަހުދުގެ ކޮޓަރިއަށް ވަންނަތަން މައިދައިތަ ނޫނީ އެހެން މީހަކަށް ފެނުނަސް އެތަކެއް ސުވާލެއް އުފެދޭނެތީ ޒާރާ ބިރުގަނެއެވެ. އަދި އެއްވެސް މީހެއްގެ ހިތުގައި އޭނާ އާ ދޭތެރޭ ޝައްކެއް އުފެދޭނެ އެއްވެސް ފުރުސަތެއް ޒާރާ ނުދޭނެއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން، އިމްރާން ޖިމަށް ދާން ތައްޔާރުވެގެން ގެއިން ނިކުމެއްޖެއެވެ. އިއްޔެއިން ފެށިގެން ޒާރާ އިންތިޒާރު ކުރަން ދިޔަ ވަގުތު ޖެހުނީއެވެ. ޒާރާ ސިޓިންރޫމް ސޯފާގައި އިށީނދެލިއެވެ. އަވަސްއަވަހަށް ފޯނުނެގިއެވެ. އިމްރާންގެ ފޯނުން އޭނާ ނެގި ފަހުދުގެ ނަމްބަރު، އަމިއްލަ ފޯނުން ހޯދާލިއެވެ. އެ ނަމްބަރު އިމްރާނުގެ ފޯނުން އޭނާ ނެގީ ރޭގެ ވަގުތެއްގައެވެ. ނަމްބަރަށް ގުޅާލިއެވެ. ޒާރާ ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރިއިރު އަމިއްލަ ހިތް ތެޅޭއަޑު އޭނާއަށް އިވޭކަހަލައެވެ. ހަމަގައިމުވެސް އެ ހިތުގެ ވިންދު އިހްސާސް ވަމުން ދިޔައެވެ. ފަހުދު ފޯނެއް ނުނެގިއެވެ. ޒާރާއަށް މާޔޫސްކަން ލިބުނެވެ. ދެވަނަ ފަހަރަށްވެސް ގުޅާލިއެވެ.
''ހަލޯ......'' ކަންނެއް ކަން އެކުލެވިފައިވާ ރާގަކަށް ފަހުދު ޖަވާބުދިނެވެ. ފަހުދުގެ އަޑުން އޭނާ އޮތީ ނިދާފަކަން އެނގެއެވެ. އިތުރަށް ބުނާނެ އެއްޗެއް ޒާރާއަކަށް ނޭނގުނެވެ. އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަންފަތުގައި ޖައްސާލައިގެން އިންދާ ފޯނު ކެނޑިއްޖެއެވެ. އެހާ ހިތްވަރުކޮށްގެން ގުޅާފަވެސް މިކުރެވުނީ ކީއްހެއްޔެވެ. ޒާރާ އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. އެކަމަކު ދެން ގުޅާކަށް ނުކެރޭނެއެވެ. ފޯނު ބާއްވާފައި އޮށޯވެލަން ތައްޔާރުވެލިތަނާ ފޯނު ރިންގުވެއްޖެއެވެ. ގުޅަނީ ފަހުދެވެ. މިއީ ޒާރާއަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމުގައިވެސް ވެދާނެއެވެ.
''ފަހުދު.......'' ހިތްވަރު ކޮއްފައި ކަންފަތުގައި ފޯނު ޖައްސާލަމުން ޒާރާއަށް ކިޔާލެވުނީ ފަހުދުގެ ނަމެވެ. ޒާރާ ބޭނުންވަނީ ފަހުދުބެ ގެ ނަމުން ފަހުދާ މުޚާތަބު ކުރާށެވެ. އެހެންނަމަވެސް އެއްފަހަރުވެސް އެގޮތަށް ޒާރާއަށް ނުބުނެވެނީ ކީއްވެބާވައޭ އޭނާގެ ހިތަށް އެރިއެވެ.
''ހަލޯ........ ކޮން ކުއްޖެއް..... ކާކު......'' ފަހުދު ސުވާލު ކުރިއެވެ.
'' ފަހަރި... މިބުނީ.........އިމްރާން އަންހެނުން..... '' ޒާރާ ބުނެވުނީ އެވަރަށެވެ.
''އޯވް..... ފަހަރިދޯ....... އަނެއްކާ އަހަރެންނަށް ކުށެއް ކުރެވުނީތަ........'' ފަހުދު އަޑުގައި ވަނީ މޮޅިވެރިކަމެވެ.
''ނޫން..... މިގުޅީ ..... އިއްޔެގެ ކަންތަކަށް.......ފަހުދުގެ ކިބައިން.......މާފަށް އެދެންވެގެން....... ސޮރީ އިއްޔެ އެގޮތަށް ކަންތައް ކުރެވުނީމަ.......'' ޒާރާ އަށް ވާހަކަދެކެވެނީ ހުއްޓަމުންނެވެ.
''އަހަރެން މީ އެހާ ފަސޭހައިން މާފުކުރާ މީހެއް ނޫން އިނގޭ....... އަދި އަމުދުން އަހަރެންގެ ހިތުގައި ޖައްސާމީހުނަށް އަހަރެން މާފެއް ނުކުރަން...... އެކަމަކު ފަހަރިވީމަ ހިތަށް އަރަނީ މާފުކުރާނީއޭ...... ފަހަރި ތީ އަހަންނަށް ވަރަށް ސްޕެޝަލް ކުއްޖެއް....... މިބުނީ އިމްރާން ގެ ވައިފް ވީމަ..... މި ފެމިލީގެ ހިތެއްނު ފަހަރި ތީ...... އެހެންވީމަ އަހަރެންގެ ވެސް ހިތަކީ ހަމަ ތީ..... އެކަމަކު ޝަރުތެއްގެ މަތިން މާފު މިކުރީ އިނގޭ....... '' ފަހުގެ ނިދި ފިލާ ދިޔަކަހަލައެވެ. ވަރަށް ޖޯޝާ ފޯރީގައި އޭނާ ވާހަކަދައްކާ ނިންމާލިއެވެ.
''ކޮން ޝަރުތެއް......'' ޒާރާ ބޭނުންވީ އެ ޝަރުތެއް އޮޅުންފިލުވާށެވެ.
''މިރެއަށް އިންތިޒާރުކޮއްލާ...... މިރޭ ކާންއަރާފަ ބުނާނަން އިނގޭ....... އިންމަ ވެސް އިންދަ......އޯކޭ ފަހަރީ....... މިހާރު މިއުޅެނީ ނިދާލަން....... ދަންވަރު ޑިއުޓީ ........'' ޒާރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފަހުދު ފޯނު ކަނޑާލިއެވެ. ޒާރާގެ ހިތް ހީވީ ބޭރަށް ފުންމާލަން އުޅުނުހެންނެވެ. އަލުން ފަހުދަށް ގުޅިއެވެ. އޭނާ ފޯނެއް ނުނެގިއެވެ. މިރޭ އެންމެންގެ ތެރޭގައި އެވާހަކަ ދައްކަން ފަހުދު އެއުޅެނީ ކީއްވެހެއްޔެވެ. ޒާރާ މިހުރިހާކަމެއް މިކުރީ އެކަން އިމްރާނަށް ސިއްރު ކުރުމަށެވެ. މައިދައިތައަށް ވެސް އެކަން އަންގަން ބޭނުން ނުވާތީއެވެ.
ޒާރާ ބޭނުންވީ ފަހުދާ ބައްދަލުކުރަން މައިދައިތަގެ އެޕާޓްމަންޓަށް ދާށެވެ. އަވަސްއަވަހަށް ހެދުން ބަދަލުކޮށްލުމަށްފަހު ތައްޔާރުވެލިއެވެ. ލިފްޓްގައި ހުރި އިރުވެސް ޒާރާ ފިނިވަމުން ދިޔައީ ފިކުރު ބޮޑުވެފައިވާތީއެވެ. މައިދައިތަގެ އެޕާޓްމަންޓްގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. އެތެރޭގައި މީހަކު ފެންނަން ހުރިތޯޔަގީން ކޮއްލުމަށެވެ. ނަސީބު ހިނިތުންވެލީ ޒާރާގެ ކޮޅަށެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަޑުމަޑުން އެތެރެއަށް ވަނުމާއެކު ދޮރު ލެއްޕުނެވެ. އެވަގުތު ކާމޭޒު މަތީގައި ހަވީރުސައި ތައްޔާރުކޮއްފައި ހުއްޓާފެނުނެވެ. ތަށިތައް ތަބަކުގައި ހުރިތަން ފެނުމުން މައިދައިތަ އެ ހިފައިގެން މައްޗަށް ދާން އުޅެނީކަން އޭނާއަށް ޔަގީންވިއެވެ.
''އައްދެ...... ދަރިފުޅު އައީތަ...... މާ ރަނގަޅަކަށްނު މިވީ...... މަންމަ ޖެހިއްޖެ ބޭރަށް ގޮސްލަން..... އެހެންވެ ޖީނާ ލައްވަ ސައިގެންދަން މިއުޅެނީ....... އޭނާ ގާތުގަ ސައިގެންދަން ބުނެފަ މިވަނީ ތައްޔާރުވެލަން.......'' ކޮޓަރިން ނިކުތް ސަރީފާ ނިކަން ލޯބިން ޒާރާއަށް އޮޅުން ފިލުވައިދިނެވެ.
''ކޮބާ ބައްޕަ......'' ޒާރާ ބޭނުންވީ އަލިބެ ގޭގައި އުޅޭކަން ޔަގީންކުރާށެވެ.
''ބައްޕަ ވެއްޖެ ފިހާރައިގަ.......'' ވީ ހަމަ ޒާރާ ހީކުރިގޮތެވެ.
''މިތާނގައި އިނދެ ސައިބޯލައިގެން މިއަދު ދާނީ........އޭރުން ޖީނާއަށްވެސް ފަސޭހަވާނެއެންނު.......'' ޒާރާ ކާމޭޒާ ދިމާއަށް ހިނގައިގަތެވެ.
''އެންމެ ރަނގަޅު......ދަރިފުޅަށް ފެންނަގޮތެއް....... ރައްޓެއްސަކު އުމްރާއަށް ފުރާތީ ބައްދަލުކޮއްލަންދާންމިދަނީ........މަންމަ ދަނީ އިނގޭ....... '' ސަރީފާ އަވަސްއަރުވާލާފައި ނިކުމެގެންދިޔައީއެވެ. މުޅި ގޭތެރެ ފެންނަނީ ނުހަނު ހަމަހިމޭންކޮށެވެ. ޖީނާ ކޮބައިބާއެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު އޭނާ ދާނީ ފަހުދާ ބައްދަލުކޮއްފައެވެ. އޭނާގެ ދިރިއުޅުމަށް އެއްވެސް މީހެއްގެ ހިޔަނި އެޅުނަ ނުދިނުމަށްޓަކައެވެ. ދިރިއުޅުން އުފާވެރިކަމާއެކު ކުރިއަށް ގެންދިއުމުގެ މާތް މަގުސަދުގައެވެ. ފަހުދާ ބައްދަލުކުރުން ނޫން އެހެންގޮތެއް ނެތީމައެވެ.
ޒާރާ ވިސްނާލުމަށްފަހު މަޑުމަޑުން ހިނގައިގަތީ ފަހުދުގެ ކޮޓަރިއާ ދިމާއަށެވެ. ލިބިފައިވާ ވަގުތު ނަގާލަން ބޭނުން ނުވާތީއެވެ. ކޮޓަރީގައި ޓަކި ޖަހާލިއެވެ. ފަހުދު އޮންނާނީ ނިދާފައެވެ. އެހެންވީމާ ޓަކިޖަހާލާއިރަށް ހޭނުލެވިދާނެއެވެ. އެކަމަކު އެހާބާރަށް ޓަކި ޖަހާކަށްވެސް ނުކެރުނެވެ. އިތުރަށް ދެތިން ފަހަރަކު ޓަކިޖަހާލީ ދޮކޮޅު ހޯދާ ބަލާލުމަށްފަހު އެއްވެސް މީހަކު ފެންނަން ނެތުމުންނެވެ.
ފަހުދު ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒާރާ ފެނުމުން ފަހުދަށް ލިބުނު ހައިރާންކަން ކުޑައެއް ނޫނެވެ. ޒާރާއަށް ބަލާލެވުނީ ހުސްގަޔާ ހުރި ފަހުދަށެވެ. ސޯޓުބުރިއެއް އެކަނި ލައިގެން ހުރިއިރު ނިދީގެ ސަބަބުން އެ ރީތި ދެލޯ ހުރީ ކުޑަކޮށް ރަތްވެފައެވެ. ފަހުދު އަވަސް ހަރަކާތަކާއެކު ޒާރާގެ އަތުގައި ހިފާ އެތެރެއަށް ދަމައިގަތެވެ. އެފަދަ ހަރަކާތެއް ފަހުދު ކޮއްފާނެ ކަމަކަށް ޒާރާގެ ވިސްނުމަށް އަންނާނީ ވެސް ކިހިނެއް ހެއްޔެވެ. ފަހުދުގެ އެ ކުއްލި ހަރަކާތުގެ ސަބަބުން ނުވަމަހަށްދާ ބަނޑާއެކު ޒާރާގެ ހަށިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ޒާރާ ގޮސް ތަތްވީ ފަހުދުގެ މޭގައެވެ.
''އާހް...........'' ޒާރާއަށް ތަދުވެއްޖެއެވެ. އެހާ ބާރަށް ފަހުދު ދަމައިގަތީމައެވެ.
''ފަހަރި ތިގޮތަށް އަހަރެންގެ ކޮޓަރި ދޮރުމަތީ ހުއްޓާ މީހަކަށް ފެނިއްޖެއްޔާޔޯ....... އޭރުން ފަހަރިއާ ދޭތެރޭ ހީކުރާނީ ގޯސްކޮށް......'' ފަހުދު އޭނާގެ ހަށިގަނޑާ ޒާރާ ދުރުކޮއްލަމުން ޒާރާގެ މޫނަށް ބަލާލިއެވެ.
'' ފަހަރި.... ތަދުވިތަ...... ސޮރީ......ހާސްވިވަރުން އެގޮތަށް ކަންތައްކުރެވުނީ..... ފަހަރި ކަމަކު ތަ؟....... ބުނިނަމަ...... ފަހަރި އަންނާކަށް ނުޖެހޭނެއެއްނު.......އަހަރެން ދާނަމޭ ފަހަރި ގުޅާލިނަމަވެސް.......'' ގޮނޑިމައްޗަށް އެއްލާފައިއޮތް ޓީޝާޓްނަގާ ބޮލުން ވައްޓާލަމުން ފަހުދު ބުންޏެވެ. ފަހުދާ ދޭތެރޭގައި ޒާރާއަށް ކުރެވުނީ ކުށް ހީއެއްކަން މިހާރު ޒާރާއަށް ޔަގީން ވެއްޖެއެވެ. އެހެން ނޫންނަމަ މިވަގުތު ފަހުދު އެގޮތަށް ކަންތަކެއް ނުކުރީހެވެ.
''ފަހުދު ބުނީމެއްނު ޝަރުތެއްގެ މަތިންނޭ މާފު ކުރާނީ....... އަހަރެން ވަރަށް ބޮޑަށް އެދެން އިމްރާން ކުރިމަތީ އެއިން އެއްވެސް ވާހަކައެއް ނުދެއްކުން...... ހިނގާދިޔަ އެއްވެސްކަމެއް އިމްރާނަކަށްވެސް އަދި މަންމައަށްވެސް އެނގޭކަށް ބޭނުމެއް ނޫން.....'' ޒާރާ އިސްޖަހާލިއެވެ. އެހެންނޫންނަމަ އެވަގުތު ފަހުދުގެ ތުންފަތްމައްޗަށް ވެރިވެގެންދިޔަ ލާނެތް ހިނިތުންވުން ޒާރާއަށް ފެނުނީހެވެ.
''ފަހަރީ...... ހާދަބިރެއް ތި ގަންނަނީ...... އަހަރެން ފަހަރިއަށް ދެރަވާނެ އެއްވެސް ކަމެއް ކުރާނެހެން ހީވަނީތަ....... އެހެން ހީވަންޏާ އެއީ ކުށް ހީއެއް....... އާދޭ އިށީންނަން...... މިއޮއް ބޮޑު ބަނޑާއެކު ކޮޅަށް ހުންނާކަށް ނުވާނެ އެހާ ގިނައިރު...... ޒާރާގެ އަތުގައި ފަހުދު ހިފިއެވެ. އެއްވެސް ވަރެއްގެ ދެކޮޅުވެރިކަމެއް ޒާރާ ނުދައްކައެވެ. ފަހުދު އަތު ތެރޭގައިވާ އޭނާގެ އަތް އޮތީ ފަހުދުގެ ފުރިހަމަ ބާރުގެ ދަށުގައެވެ.
ފަހުދާއެކު ހިނގާފައިގޮސް ކޮޓަރީގެ އެއްފަރާތެއްގައިހުރި ސޯފާގައި ޒާރާ އިށީދެލިއެވެ. ގާތުގައި ފަހުދުވެސް އިށީނެވެ. ޒާރާއަށް ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނީ އެވަގުތުއެވެ. ސޯފާ އާ ޖެހިގެން ބޮޑު މޭޒެއް ހުއްޓެވެ. މޭޒުމަތީގައި ލެޕްޓޮޕަކާ ޑޮކްޓަރުން ބޭނުންކުރާ ބައެއް ކަހަލަ ތަކެތި ހުއްޓެވެ. މޭޒާދިމާ މަތީގައި ހުރީ ފޮތް ހަރުގަނޑެކެވެ. ހަރުގަނޑު ފުރެންދެން ހުރީ ފަހުދުގެ ފީލްޑާގުޅޭ ތަފާތު ފޮތްތަކެވެ. އެއީ ޒާރާގެވެސް ފީލްޑްކަމުން ފަހަރަކު ފޮތަކަށް ނަޒަރު ހިންގަމުންދިޔަވަރަކަށް އެ ފޮތްތަކަށް ޝައުގުވެރިކަން އުފެދެމުން ދިޔައެވެ. މޭޒާ ޖެހިގެންހުރީ ފަހުދު ނިދާ އެނދެވެ. އެނދުމަތީގައިވާ ބެޑްޝީޓާ ރަޖާގަނޑު އޮތީ ގުޅަވެފައެވެ. ބާލީސްތައް އެތަން މިތަނަށް ވިއްސާލާފައެވެ. އެއްވެސް ތަރުތީބެއް ނެތެވެ. އަންނައުނުތައް ހަމަ އެފަދައެވެ. ހަރުގަނޑުގެ އިތުރުން އަލަމާރީގެ އަތްގަނޑުތަކުގައިވެސް ހުރީ ފަހުދުގެ އަންނައުނުތައް އަޅުވާފައެވެ. އަރަން ގެންގުޅޭ ބޫޓުތަކާ، ސްޓާކީންތައް ދޫލަމަތީ އެތަންމިތާގައި އޮތެވެ. ޒާރާގެ ދެލޯ އެ ކޮޓަރީގެ އެތަން މިތަނަށް ބެލުމުގައި އަވަދިނެތިފައިވިޔަސް ފަހުދުގެ ދެލޯ ޒާރާގެ ހަށިގަނޑާ ވަކިވާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް