އޭވިއޭޝަން ސިކިއުރިޓީ ކޮމާންޑް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ނުލިބޭތާ 6 އަހަރަށްވުރެ ގިނަ ދުވަސް ވީއެވެ. މިއީ ކޮމާންޑުގެ މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެންމެ ބޮޑު ޝަކުވާއެވެ. ކަން މިހެން ހުރިއިރު، މިވާހަކަ ތަކަކީ މީގެ ކުރިންވެސް ރާއްޖޭގެ ބައެއް މީޑިއާތަކަށް ތިލަވެފައިވާ މައްސަލައެކެވެ.
ކޮމާންޑް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމަށް އެދި އެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުން އާދޭސް ކުރާތާ ގިނަ އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، މިކަމަށް އަދިވެސް ހައްލެއް ނުލިބެއެވެ.
"އެއަރޕޯޓް ސެކިއުރިޓީ" ނުވަތަ މިހާރުގެ ނަމުންނަމަ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް" ސަރުކާރުގެ ރަސްމީ އިދާރާއެއްގެ ގޮތުގައި އުފެދިގެން އައިސްފައިވަނީ 01 ޖެނުއަރީ 2013 ވަނަ އަހަރު އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ވަހީދު ހަސަންމަނިގެ ވެރިކަމުގައެވެ. ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮމާންޑް ހިނގަމުން އަންނަ އިރު، ކޮމާންޑުގައި މިހާރު މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީވެސް ސިވިލް ސަރވިސް ކޮމިޝަންގެ ޤަވައިދުގެ އޮނިގަނޑަށް ފެތޭ އަދި އެ ކޮމިޝަނުގެ ޤަވައިދު ބުނާގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އެހެންކަމަންވުމުން ސިވިލް ސަރވިސްއިން ސަރުކާރުގެ މުވައްޒަފުންގެ މައްޗަށް އެކުލަވާލާފައިވާ ސިވިސް ސަރވިސްގެ ޤަވައިދު ކޮމާންޑުގެ މުވައްޒަފުންގެ މައްޗަށްވެސް ލާޒިމްކުރެއެވެ. ސިވިލް ސަރވިސްގެ ޤަވައިދުގެ ދަށުން ކޮމާންޑުގެ މުވައްޒަފުންނަށް ލިބިދޭން ޖެހޭ އެންމެހާ ހައްޤުތަކެއް އެއްވެސް އުނިއިތުރުކުރުމެއް ނެތި ލިބިދޭންޖެހެއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ވަކިޚާއްޞަ ޕްރޮމޯޝަން ޤަވައިދެއް ކަނޑައަޅާ އެކަން ޢާންމުވެސް ކޮށްފައެވެ.
އެގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޕްރޮމޯޝަންއާއި ގުޅޭ ކަންކަމުގައި ކޮމާންޑުން ޢަމަލުކުރާނެ ގޮތް ކަނޑައަޅައި 8 އޮކްޓޫބަރ 2013 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުގެ 979 ވަނަ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮސްފައިވާ މި ޤަވައިދު ބުނެފައިވާ ގޮތުން މި ޤަވައިދު އެކުލަވާލާފައިވަނީ ޤާނޫން ނަމްބަރ 2005/5 ( ސިވިލް ސަރވިސް ޤާނޫން)ގެ 18 ވަނަ މާއްދާގެ (ޅ) އިން ބާރުލިބިގެންނެވެ. އެގޮތުން ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރި ހިސާބުންފެށިގެން މި ޤަވައިދަށް އަމަލުކުރަން ފެށިތާ މިއަދާއި ހަމައަށް ގާތްގަނޑަކަށް 6 އަހަރު ފާއިތުވެ ގޮސްފައިވީނަމަވެސް ޤަވައިދުގައި އެބުނާ ޕްރޮމޯޝަނެއް ކޮމާންޑް މުވައްޒަފުންނަށް މިވީހާތަނަށް ލިބިފައިނުވާކަމީ ހައިރާންވާންޖެހޭ ކަމެއްކަމަށް ކޮމާންޑުގެ މުވައްޒަފުން ދެކެއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ޕްރޮމޯޝަން ޤަވައިދު ބުނާގޮތުން "އިންރޭންކް ޕްރޮމޯޝަން" ކޮންމެ ދެއަހަރުން އެއްފަހަރު މި ކުރިއެރުން ހައްޤުވާ މުވައްޒަފުންނަށް އިންސާފުވެރިކަމާއި އެކު ދޭންޖެހޭ އިރު، "ރޭންކް ޕްރޮމޯޝަން" ކޮންމެ 3 އަހަރަކުން އެ ޕްރޮމޯޝަން ހައްޤުވާ ފަރާތްތަކަށް ދޭންޖެހެއެވެ. އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންނަށް އެ މުވައްޒަފުންނަށް ހައްޤުވާ މަޤާމުގެ ކުރިއެރުން ނުލިބުމުގެ ޝަކުވާ އެ އިދާރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ދަނީ މެދު ކެނޑުމެއް ނެތި ކުރަމުންނެވެ. އެގޮތުން އެ މުވައްޒަފުންނަށް ލިބިދޭންޖެހޭ މަޤާމުގެ ކުރިއެރުން ހޯދުމަށް ކަމާ ބެހޭ ވުޒާރާތަކަށް ޝަކުވާގެ ސިޓީތަކާއި ޕެޓިޝަންތައްވެސް ވަނީ ހުށަހަޅާފައެވެ.
ނަމަވެސް މިކަމަށް އެއްވެސް ހައްލެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށް ކޮމާންޑުގެ މުވައްޒަފުން ބުނެއެވެ. ކޮމާންޑް މުވައްޒަފުންގެ ޕްރޮމޯޝަން ނުވަތަ މަޤާމުގެ ކުރިއެރުމާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް އަޑުއިވެމުންދާ އިރު، ބައެއް މުވައްޒަފުން ބުނަނީ ޕްރޮމޯޝަން ނުލިބޭ ވާހަކަ ދައްކާއިރަށް އޮފީހުން ދޭ ޖަވާބަކީ ޕްރޮމޯޝަން ދެވޭނީ ޕްރޮމޯޝަން ދިނުމަށް އެކުލަވާލަން ޖެހޭ ޕްރޮމޯޝަން ބޯޑެއް އެކުލަވާލައިގެން ކަމަށެވެ. އެހެންނަމަވެސް އެބުނާ ޕްރޮމޯޝަން ބޯޑެއް އެކުލަވާލަން ކިޔާތާ މިއަދަށް 6 އަހަރު ފާއިތުވެ ހިނގައްޖެކަމަށާއި ނަމަވެސް އަދިވެސް އެ ބުނާ ބޯޑެއް އެކުލަވާ ނުނިމޭކަމަށް އެ މުވައްޒަފު ބުންޏެވެ.
ކޮމާންޑުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އެހެން މުވައްޒަފަކު ބުނީ ކޮމާންޑްގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގެ މަސްވަރާތައް ކުރަމުން ގެންދާކަމަށް ތުންތުން މަތިން އަޑުއިވޭ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެފަދަ އެއްވެސް ވާހަކައެއް ދެކެވެމުން ނުދާކަމަށެވެ. މީގެ އިތުރުން ފާއިތުވި ރައީސް ޔާމީންގެ ސަރުކާރުންވެސް ކޮމާންޑުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބޭ މައްސަލަ ސިވިލް ސަރވިސްއަށް ހުޅައެޅިކަމަށާއި ނަމަވެސް އެ ކޮމިޝަނުންވެސް މިކަންތަކާ މާ ބޮޑަށް އަޅާނުލާކަމަށެވެ. ކޮމާންޑުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ބުނަނީ ޕްރޮމޯޝަން ލިބޭނެކަމަށް އެއްވެސް ހާލެއްގައި ނުވިސްނާ ކަމަށާއި މިހާރު މަސައްކަތްކުރަނީ އެއީ ލިބެން ނެތް އެއްޗެއް ކަމަށް ވިސްނައިގެން ކަމަށެވެ. އަދި މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަދައިދޭން ކޮމާންޑުގެ ވެރިންގެ ވިސްނުން ނުގެންގުޅޭ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
ދުވަސް އޮންލައިންއަށް މައުލޫމާތުދިން މުވައްޒަފުންތަކެއް ބުނީ ވަޒީފާގެ މާހައުލުގައި ކުރަމުންގެންދާ މަސައްކަތަށް މުވައްޒަފުން ބޮޑަށް އަހުކުވެރި ކުރުވުމަށް މުވައްޒަފުންނަށް ދޭން ޖެހޭ އެއްވެސް ތަމްރީނެއް ވެސް އެކަށީގެންވާ ގޮތުގައި ނުލިބެއެވެ. ނަމަވެސް ބައެއް ކަހަލަ ޓްރެއިނިންގް ކޯސްތައް ހިންގާ ކަމަށާއި ނަމަވެސް އެފަދަ ކަންކަމަށްވެސް މީހުން ނަގަނީ "ހިތުހުރި" ގޮތަކަށް ސަޔާއި ކޮފީ ދޭ ގާތް މިހުންނަށް ބަލާފައި ކަމަށެވެ.
މިއީ 28 ސެޕްޓެމްބަރު 2020 ގައި ސިވިލްސާވިސް ކޮމިޝަނުން ސަރުކާރުގެ ހުރިހާ އިދާރާތައް ސާމިލްވާ ގޮތަށް ފޮނިވި ސާކިއުލާއެކެވެ. މި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުންވެސް މުވައްޒަފުންނަށް ދޭންޖެހޭ އެ މުވައްޒަފުންނަށް ހައްޤުވާ މަގާމުގެ ކުރިއެރުން އޮންނަ އުސޫލުެއްގެ މަތިން ބަރާބަރަށް ދިނުމަށް ލާޒިމް ކުރެއެވެ. އަދި ކޮންމެ މުއައްސަސާއަކުންވެސް މުވައްޒަފުންނަށްް ދޭންޖެހޭ މަގާމުގެ ކުރިއެރުން އެ އޮންނަ އުސޫލެއްގެ ދަށުން ނުދޭނަމަ އެ މުއައްސަސާއެއްގައި ތިބޭ އިސްވެރިން އެކަމަށް ޒިންމާ ނަގަން ޖެހެއެވެ. އަދި އެފަދަ ވެރިންނަށް ސިވިސްސާވިސަސްގެ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާ އަދަބުދެވޭނެއެވެ.
މި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮމާންޑުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ބުލިބުމުގެެ ފުރިހަމަ ޒިންމާ ނަގަން ޖެހެނީ ކޮމާންޑުގެ ޒިންމާދާރު ވެރިން އަދި ޒިންމާދާރު އިސްވެރިންތޯއެވެ.؟ ނުވަތަ ސިވިސްސާވިސް ކޮމިޝަނުންތޯއެވެ.؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް