ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސްދޯނި (ފަސްކުރި) ލ. ގަން ކައިރީ އެންދަމަން އޮއްވަ ތޫނު ހަތިޔާރާއި އެކު އެރި ކަމުގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައި އެވެ. ތޫނު ހަތިޔާރާއި އެކު ދޯންޏަށް އެރި މީހުން ހަމަލާއެއް ނުދީ ދޯނީގެ ކެޕްޓަނަށް އަންގާފައިވަނީ ގަމު ފަޅަށް ދޯނި ވެއްދުމަށެވެ.
ފުލުހުން ބުނީ އެ ދޯންޏަށް ހަތިޔާރާއި އެކު އެރިކަމުގެ ތުހުމަތުގައި މިއަދު ފަސް މީހަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 21 އަހަރުގެ މީހަކާއި، 22 އަހަރުގެ ދެ މީހުންނާއި 33 އަހަރާއި 35 އަހަރުގެ މީހެކެވެ.
މި އެންމެންނަކީ ދިވެހި ފިރިހެނުންނެވެ.
މި މައްސަލައިގަ ރޭވެސް ފުލުހުން ތިން މީހަކު ހައްޔަރު ކުރި އެވެ. ފުލުހުން މިރޭ ބުނީ އެ ތިން މީހުންގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.
އެދޯންޏަށް އެރީ ވެރި ފަރާތުން އަންގައިގެން ކަމަށްވެ އެވެ. ވެރިފަރާތުން އެ ދޯންޏަށް ތޫނު ހަތިޔާރާއި އެކު ބަޔަކު ފޮނުވީ ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސައިންއަށް ޖާބިރުގެ ކުންފުނިން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކަމަށްވެ އެވެ.
އިދުރީސް މީޑިއާގައި ބުނެފައިވަނީ މީގެ ދެ އަހަރު ކުރިން ޖާބިރުގެ ކުންފުންޏަށް އެ ދޯނި ވިއްކީ ހަތް މިލިއަން ރުފިޔާއަށް ކަމަށެވެ. އެކަމަކު އެ ކުންފުނިން މިހާތަނަށް އިރުދީސްއަށް ދައްކާފައިވަނީ ހަތް ލައްކަ ރުފިޔާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގަ ރިޗް ކްލަބް މޯލްޑިވްސް އާއި ދެކޮޅަށް އިދުރީސް ގަމު މެޖިސްޓްރޭޓް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައިއެވެ. އަދި އިއްޔެ ކޯޓުން ވަނީ އެ މައްސަލައިގަ ވަކިގޮތެއް ނިމެންދެން ދޯނި އިދުރީސް އާއި ހަވާލު ކުރުމަށް ވަގުތީ އަމުރެއް ނެރެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް