ޗެމްޕިއަންސް ލީގް: ބާސާ މެޗުގެ ކުރިން ހެދި ޓެސްޓުން ވެސް ރޮނާލްޑޯ ޕޮޒިޓިވް، ބާސާއާއި ދެކޮޅަށް ނުކުޅެވޭނެ!

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާއި ދެކޮޅަށް ޔުވެންޓްސް ކުޅެން ޖެހޭ މެޗުގެ ކުރިން ހަދާ ކޮވިޑް-19 ގެ ޓެސްޓު ވެސް ޕޮޒި...

27 Oct 2020 | 15:48

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާއި ދެކޮޅަށް ޔުވެންޓްސް ކުޅެން ޖެހޭ މެޗުގެ ކުރިން ހަދާ ކޮވިޑް-19 ގެ ޓެސްޓު ވެސް ޕޮޒިޓިވް ވެ ބާސާއާއި ދެކޮޅަށް ރޮނާލްޑޯ އަށް ނުކުޅެވޭނެ ކަން ޔަގީން ވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ޔުއެފާއިން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން، މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ވައިރަހަށް ޓެސްޓުކޮށް ނެގެޓިވްވެއްޖެނަމަ މެޗު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް މި މެޗުގެ ކުރިން ރޮނާލްޑޯ ހެދި ޓެސްޓު ވަނީ ޕޮޒިޓިވް ވި ކަމަށް ދައްކާފައެވެ.

އެހެން ކަމުން މާދަމާރޭ ބާސާއާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ރޮނާލްޑޯއަށް ނުލުޅެވޭނެ އެވެ.

ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާރުވެސް ހުރީ ހޯމް އައިސޮލޭޝަންގައެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހުއެވެ.

އަދި ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރޮނާލްޑޯ އެންމެ ފުރަތަމަ އައިސޮލޭޓްވީ ޕޯޗުގަލުގައެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ އަމިއްލަ ޖެޓުގައި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ.

މި ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުރި ޓެސްޓުން ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް ދައްކާފައިވުމާއެކު، އެންމެ ފަހުން ދިޔަ ހަފުތާ ބަންދުގައި އިޓާލިއަން ލީގުގައި ވެރޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.

އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޑިނަމޯ ކިއޭވް އާއި ދެކޮޅަށް ވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް