ޗެމްޕިއަންސް ލީގް: ރޮނާލްޑޯ ބާސާ މެޗުގެ ކުރިން ހަދާ ކޮވިޑް ޓެސްޓު ހަދައިފި، މިހާރު ނަތީޖާގެ އިންތިޒާރުގައި !

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާއި ދެކޮޅަށް ޔުވެންޓްސް ކުޅެން ޖެހޭ މެޗުގެ ކުރިން ހަދާ ކޮވިޑް-19 ގެ ޓެސްޓު މިއަދު ހަ...

27 Oct 2020 | 15:08

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއާއި ދެކޮޅަށް ޔުވެންޓްސް ކުޅެން ޖެހޭ މެޗުގެ ކުރިން ހަދާ ކޮވިޑް-19 ގެ ޓެސްޓު މިއަދު ހަދައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޔުއެފާއިން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން، މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ވައިރަހަށް ޓެސްޓުކޮށް ނެގެޓިވްވެއްޖެނަމަ މެޗު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

އެގޮތުން މެޗު ފެށުމުގެ 24 ގަޑި އިރު ކުރިން ހަދާ މި ޓެސްޓް މިހާރު ހަދާފައި ވާއިރު، ރޮނާލްޑޯ އާއި އޭނާގެ ޓީމު ޔުވެންޓަސްއިން މިހާރު އިންތިޒާރު ކުރަމުން ގެންދަނީ މި ޓެސްޓުގެ މަތީޖާ ލިބޭނެ ވަގުތަކަށެވެ.

މިކަމާއި ގުޅިގެން ޔުވެންޓަސްއިން ނެރުނު ބަޔާނެއްގައި ވަނީ ރޮނާލްޑޯ މިއަދު ހަވީރު ހެދި ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބޭނެ ވަގުތަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ. އަދި ލަފާކުރެވޭ ގޮތުން ނަތީޖާ ލިބޭނެ ކަމަށް ބެލެވެނީ މިރޭގެ ވަގުތެއް ގައެވެ.

ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޯމް އައިސޮލޭޝަންގައި ހުރި ނަމަވެސް، މާދަމާ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށް މީގެ ކުރިންވެސް ޔުވެންޓަސްއިން ވަނީ  ބުނެފައެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހުއެވެ.

އަދި ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރޮނާލްޑޯ އެންމެ ފުރަތަމަ އައިސޮލޭޓްވީ ޕޯޗުގަލުގައެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ އަމިއްލަ ޖެޓުގައި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ.

މި ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުރި ޓެސްޓުން ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް ދައްކާފައިވުމާއެކު، އެންމެ ފަހުން ދިޔަ ހަފުތާ ބަންދުގައި އިޓާލިއަން ލީގުގައި ވެރޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.

އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޑިނަމޯ ކިއޭވް އާއި ދެކޮޅަށް ވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.

ނަމަވެސް މިއަދު ހެދި ޓެސްޓް ނެގަޓިވް ވެއްޖެ ނަމަ ބާސެލޯނާ އާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ރޮނާލްޑޯ ކުޅޭނެއެވެ.

ނަމަވެސް މި ޓެސްޓުން ޕޮޒިޓިވް ވެއްޖެ ނަމަ ރޮނާލްޑޯ އަށް ޖެހޭނީ އަނެއްކާވެސަ އިތުރު އިންތިޒާރުތަކެއް ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް