ޖުޑީޝަލް ސާވިލް ކޮމިޝަން (ޖޭއެސްސީ)ގެ ފޯމޭޝަން ނުވަތަ އޮނިގަނޑު އެކުލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނީ އަސާސިއަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލައިފި އެވެ.
ތާރިގުގެ އިސްލާހު ބަލައިގަތުމަށް ވޯޓު ދިނީ 13 މެމްބަރުންނެވެ. އިސްލާހު ބަލައިނުގަތުމަށް ވޯޓު ދިނީ 50 މެމްބަރުންނެވެ. ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރާ އިސްލާހުގެ އިބްތިދާއި އަޑު އެހުމުގައި އެމްޑީޕީ މެމްބަރުން ބައިވެރި ނުވެ އެވެ.
މެމްބަރު ތާރިގު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ، ދުނިޔޭގެ އެހެން ގައުމުތަކޭ އެއްފަދައިން، ރާއްޖޭގައި ވެސް ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ ޖޭއެސްސީއެއް އޮތުން މުހިންމު ކަމަށެވެ. މި އިސްލާހުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކާފައިވަނީ، ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
އިސްލާހުގައި އިތުރަށް ވަނީ، ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަށެވެ.
ގާނޫނޫ އަސާސީގައި މިހާރު އޮންނަ ގޮތުންނަމަ، ޖޭއެސްސީގައި މަޖިލީހުގެ ރައީސް، މަޖިލީހުގެ މެމްބަރެއް، އާންމުންގެ ތެރެއިން މަޖިލީހަށް ކަނޑައަޅާ މެމްބަރެއް، ރައީސް ޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރެއްގެ އިތުރުން ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރަކާއި ހައި ކޯޓުގެ ފަޑިޔާރެއް ޖޭއެސްސީގައި ހުންނަން ޖެހޭއިރު ދަށު ކޯޓެއްގެ ފަނޑިޔާރަކާއި، ސީއެސްސީގެ ރައީސް އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު ޖޭއެސްސީގައި ހުންނަވަން ޖެހެ އެވެ.
ގިނަ އަދަދެއްގެ ފަނޑިޔާރުން ޖޭއެސްސީގައި ތިއްބެވުމުގެ ބަދަލުގައި، ތޯރިގު ހުށަހަޅުއްވާފައިވަނީ، ދަށު ކޯޓުގެ ޖުމްލަ ދެ ފަނޑިޔާރުންނާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރެއްގެ އިތުރުން، ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅައި މަޖިލީހުން ރުހުންދޭ ބޭފުޅެއް ޖޭއެސްސީގައި ހިމެނުމަށެވެ.
އެ އިސްލާހު އެމްޑިޕީގެ މެމްބަރުންގެ ވޯޓުން ބޭރުކޮށްލަން ޖެހުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، އިސްލާހު ބަލައިގަންނަން ވޯޓު އެމްޑީޕީއިން ވޯޓު ނުދިިނުމުން އެގެނީ، ޝަރުއީ ނިޒާމު ސިޔާސީ ނުފޫޒުން މިނިވަންކުރަން އެމްޑީޕީ ބޭނުންވާ ނުވާ ކަމަށާއި އަދި އެމްޑީޕީގެ މެމްބަރުންނަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނެވިޔަސް މައްސަލައަކަށް ނުވާ ކަން ކަމަށެވެ.
ފޯމޭޝަން ބަދަލުކުރުމުގެ އިބްތިދާއި ބަހުސްގައި އިދިކޮޅު ފަރާތްތަކުގެ ވާހަކަ ކުރިއަށް ގެންދިޔިމަށް ހުރަސް އެޅުމުގެ ގޮތުން އެމްޑީޕީ މެމްބަރުން ވަނީ ނިޒާމީ ނުކުތާތަށް ނަންގަވައި މެމްބަރުންގެ ވާހަކަ ދެއްކުން މެދު ކަނޑުވައިލާފަ އެވެ. ނިޒާމީ ނުކުތާ މާ ގިނައިން ބޭނުން ކުރަން ފެށުމުން އެކަން ހުއްޓާލުމަށް ނަޝީދު ވަނީ އަންގާފަ އެވެ.
އަދި ބިލް ހުށަހެޅުއްވި ތާރިގު ވަނީ ނިޒާމީ ނުކުތާ ނެގުމުގެ ބަދަލުގައި ބަހުސްގައި ބައިވެރިވުމަށް އެމްޑީޕީ މެމްބަރުން އަރިހުން އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް