އަރބަން ގާޑެނިންގ ޕްރޮގްރާމްގެ އެއްބަސްވުމުގައި އައިލެންޑަރސް އެޑިއުކޭޝަން އާ އެގްރިކަލްޗަރ މިނިސްޓްރީ ސޮއިކޮށްފި

"ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި "އަރބަން ގާޑެނިންގ" މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރ...

27 Oct 2020 | 09:30

"ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި "އަރބަން ގާޑެނިންގ" މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އެއްބަސްވުމުގައި ސޮއި ކޮއްފިއެވެ.

މިއެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން އަރބަން ގާޑެނިންގ މޮޑެލްއެއް ތައްޔާރު ކުރުމަށް ހަމަޖެހިފައި ވަނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޓެރެސްގައި 1094 އަކަފޫޓުގެ ސަރަޙައްދެއްގަ އެވެ.

މިނިސްޓްރީގެ އިސްނެގުމާއެކު ފަށާ މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތް އެކަޑަމީ"  ޕްރޮގްރާމްއާއި ގުޅުވާލައިގެންނެވެ.

ވަން އާތް އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއި (“Self-Sufficient”) އެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އާބަން ގާޑެނިންގ މޮޑެލް ތައްޔާރު ކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރުވަނީ ނިމިފައެވެ.

ސޮއި ކުރުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކާބޯތަކެތި އުފެއްދުމުގައި ބޮޑެތި ބިންތައް އެކަނި ބޭނުންކުރުމުގެ ބަދަލުގައި، އާބާދީ ބޮޑެތި ސިޓީތަކުގައި ލިބެންހުރި ކުދިކުދި ތަންކޮޅުތަކުގައި ކާބޯތަކެތި އުފެއްދުމުގެ މުހިންމުކަން މިނިސްޓަރ ޒަޙާ ވަޙީދު  ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ކާބޯތަކެތި އުފެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސުފުރާތަކާއި ހަމަޔަށް ގެނެސްދޭ ކާބޯތަކެތި އުފައްދަން އެފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ސްކޫލް ކުދިން އަހުލުވެރިވުމުގެ މުހިންމުކަންވެސް ފާހަގަ ކުރެއްވިއެވެ.

ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ  މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެއެވެ. ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ. މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް