98 ކިލޯ ޑްރަގުގެ މައްސަލައިގައި ދޫކޮށްލީ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ރާއްޖެއަށް އެތެރެކުރަނިކޮށް އައްޑޫއިން އަތުލައިގަތް 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ރުޝާން އަހުމަދު ދީދީ ދޫކޮށްލާފައި ވަނިކޮށް ހައި ކޯޓުން މިއަދު އޭނާ ޝަރީއަތް ނިމެންދެން ބަންދު...

27 Oct 2020 | 09:19

ރާއްޖެއަށް އެތެރެކުރަނިކޮށް އައްޑޫއިން އަތުލައިގަތް 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ރުޝާން އަހުމަދު ދީދީ ދޫކޮށްލާފައި ވަނިކޮށް ހައި ކޯޓުން މިއަދު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

މަސްތުވާތެކެތީގެ ބޮޑު މި މައްސަލައިގައި 16 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ 16 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި އަށް މީހަކު ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ އެވެ. މި އަމުރުތަށް ކުރީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލަން އަމުރު ކުރި ރުޝާންގެ މައްސަލަ ދައުލަތުން މިއަދު ވަނީ ހައި ކޯޓުގައި އިސްތުއުނާފު ކޮށްފަ އެވެ. އެކަމާ ގުޅިގެން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ރުޝާން ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދެވޭހޭ ހެކި ނެތް ކަމަށް ބުނެ ކަމުގައި ވިޔަސް، އޭގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިތުރުކުރީ އެކަށީގެންވާ ހެކި ހުރި ކަމަށް ބުނެ އެވެ. އަދި މި މަރުހަލާގައި އެ ކޯޓުން ބަލަން ޖެހޭނީ ކުށް ސާބިތުވާ ވަރަށް ހެކި ހުރުންތޯ ނޫން ކަމަށް ވެސް ހުކުމުގައި ވެ އެވެ. އަދި ފުލުހުން ރުޝާންއާ ދެކޮޅަށް ހެކި ހުށަހަޅާފައިވުމުން، އޭނާ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖްތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު އަލީ ސަމީރު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހާތިފް ހިލްމީ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރު އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން މި ހުކުމް އިއްވިޔަސް އާންމު ގޮތެއްގައި ދަށު ކޯޓުގައި ހިނގާ މައްސަލަތަކުގެ ބަންދުގެ މުއްދަތު ހައި ކޯޓުން އިތުރު ކުރަނީ ވަރަށް މަދު ފަަހަރެއްގަ އެވެ.

ރުޝާންގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކް ކުރުމެވެ. އަދި އެއީ ޖިނާއީ ބޮޑު ކުށެއްކަން އެގިހުރެ އެކަން ކުރުމުގެ އިތުރުން، މަސްތުވާތަކެތި މުޖުތަމައަށް ޓްރެފިކް ކުރުމަކީ ނުރައްކާތެރިކަން ބޮޑު ކުށެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައި އޮއްވައި މަސްތުވާތަކެތި މުޖުތަމައަށް ޓްރެފިކް ކުރުމުގެ ކުށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް