ދަރަނި ރީސްޓްރަކްޗާ ކުރުން ނޫން އެހެން ގޮތެއް ނެތް: ނަޝީދު

ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމުދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަން ޖެހޭތީ، ދަރަނި ރީސްޓްރަކްޗާ ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހ...

27 Oct 2020 | 08:04

ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމުދަނީއާ ނުބައްދަލު އަދަދުތަކުން ދަރަނި އަދާކުރަން ޖެހޭތީ، ދަރަނި ރީސްޓްރަކްޗާ ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އޮގަސްޓު މަހުން ފެށިގެން މަޖިލީހުން އަންނަނީ ބޭރުގެ އެކިއެކި ގައުމުތަކުންނާއި ފައިނޭޝިއަލް އިންސްޓިއުޓް ތަކުން ނަގާފައިވާ ލޯނުތަކާ ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީއެއް ބާއްވަމުންނެވެ. އެ ކޮމިޓީއަކީ ދަރަންޏާ ބެހޭ ގޮތުން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުމަށް އެކުލަވާލި ކޮމިޓީއެކެވެ. އެ ރިޕޯޓް މިހާރު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. ދަރަންޏާ ގުޅޭ އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ވަނީ 2012 އަހަރާއި 2018 ވަނަ އަހަރުގެ ދެމެދުގައި ރާއްޖޭއިިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލެވެ.

މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ސަރުކާރަށް ފައިސާ ވަންނަ ވުރެ އިތުރަށް ދަރަނީގެ ގޮތުގައި ފައިސާ ދައްކަން ޖެހިފައިވާތީ އެ ރިޕޯޓުގައި ވަނީ ސަރުކާރަށް ހުށަހެޅުންވުންތަކެއް ހުށަހަޅާފައި ކަމަށެވެ. އެ ހުށަހެޅުންވުންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވާ ހުށަހެޅުމަކީ ދޭދޭ ގައުމުތަކުންނާއި ބޭރުގެ ޖަމިއްޔާތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް މަސައްކަތް ސަރުކާރުން ކުރުން ކަމަށެވެ.

ދަރަނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދުތަކަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މީގެ ކުރިން ކަންބޮނޑުވުން ފައުޅުކޮށްފަ އެވެ. ކަންބޮނޑުވުން ފައުޅުކުރައްވާ އަމީރު އޭރު ވިދާޅުވީ މަޖިލީހުގެ ދަރަނީގެ ރިޕޯޓުގެ ސަބަބުން 300 މިލިއަން ޑޮލަރުގެ ސުކޫކް ވިއްކަން ހުރަސް އެޅޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށެވެ.

އަމީރުގެ އެ ކަންބޮނޑުވުންތަކާމާ ގުޅިގެން ނަޝީދު ވިދާޅުވީ، 300 މިލިއަން ޑޮލަރުގެ ސުކޫކުް ވިއްކަން ސަރުކާރު މަސައްކަތް ކުރަނީ ދަރަނި އަނބުރާ ދައްކަން ކަމަށާއި، ނަމަވެސް ދަރަނި ދައްކަން ދަރަނީ ނެގުމަކީ އެންމެ ބުއްދިވެރި ފިޔަވަޅު ނޫން ކަމަށެވެ. އިތުރަށް ނަޝީދު ވިދާޅުވީ، ދަރަނި އަދާކުރުމަށް ރީސްޓްރަކްޗާއަށް ނުދާނަމަ ޑެފިސެޓް ފައިނޭންސް ކުރުމަށް ބޮންޑު ހޯދަން ދަތިވާނެ ކަމަށެވެ. އަދި ވިދާޅުވީ، ކަމެއް ނިންމުމުގެ ކުރިން އެހެން ގައުމުތަކަށް ލިބިފައިވާ ފިލާވަޅުތަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

އެހެން ގައުމުތަކުން ދަރަނީ އަދާކުރުމަށް ގެންގުޅޭ އުކުޅުތަކަށް ބެލުމުން ރާއްޖެއަށް އެންމެ ފައިދާ ބޮޑީ ދަރަނި ރީސްޓަރަކްޗާ ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެއަށް އެނޫން ގޮތެއް ހޯދިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް