ލ. ގަން ކައިރީ އެންދަމަން އޮއްވަ އިއްޔެ ރޭ ގްރޫޕަކުން ތޫނު ހަތިޔާރާއި އެކު އަރައި ގަމަށް ގެންދިޔަ "ފަސްކުރި" ކަންނެލި ދޯނި ވެރިފަރާތާއި ހަވާލު ކުރުމަށް ގަމު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
އެ ދޯނީގެ ވެރި ފަރާތަކީ ލ. ގަން ތުނޑީ، އިދްރީސް ހުސައިން އެވެ. އޭނާ އެ ރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގަ އެދިފައިވަނީ ދޯނި ގަތް ފަރާތުން އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާއިރު ތިން ވަނަ ބަޔަކާއި ދޯނި ހަވާލުކޮށްފައިިވާތީ ދޯންޏަށް ލިބިދާނެ ގެއްލުން ކުޑަ ކުރުމަށް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ވެރިފަރާތާއި ދޯނި ހަވާލު ކުރުމުގެ ވަގުތީ އަމުރަކަށެވެ.
މި ދޯނި އިދުރީސް އަތުން ގަނެފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް އިންނެވެ.
އެ ކުންފުންޏާއި ދެކޮޅަށް ގަމު މަޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައި ވަނީ އެ މައްސަލައިގަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން ދޯންޏާއި ދޯނީގައިވާ ހުރިހާ އެއްޗެއް ދޯނީގެ ވެރިފަރާތާއި ހަވާލު ކުރުމަށް އަމުރު ކުރާ ކަމަށެވެ. އަދި އެ ދޯނީގައި ތިބި މީހުންނާއި އެ މީހުންގެ އަމިއްލަ ތަކެތި ވެރި ފަރާތުގެ ހުއްދަ އާއި އެކު ހަ ގަޑިއިރު ތެރޭގައި ހުސް ކުރުމަށް އަންގާ ކަމަށެވެ.
ކޯޓުގެ މި ނިންމުމާއި ގުޅިގެން ޖާބިރުގެ ފަރާތުން ޑީއާރުޕީން ބުނީ ކޯޓުން މިފަދަ މައްސަލައެއް ކުރިޔަށް ދިޔަ އިރު ރިޗް ކްލަބް މޯލްޑިވްސްއަށް އެނގިފައި ނުވާ ކަމަށެވެ. އެ ކުންފުނީގެ ބަހެއް ނެތި ގަމު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ކުންފުންޏާއި ދެކޮޅަށް ނެރުމުން އެކަމުން އެނގިގެން ދަނީ ރާއްޖޭގެ ޖުޑީޝަރީ އަދިވެސް އިސްލާހު ނުވާކަންކަމަށެވެ.
އެ ކުންފުނިން ބުނީ ކޯޓުގެ މި ނިންމުމުން އެނގިގެން ދަނީ އިންސާފު ހޯދައި ދިނުމުގައި ހަމަހަމަކަން ނެތް ކަމަށެވެ. އަދި ކަނޑުފޭރޭ އުސޫލުން ދޯންޏަށް އަރައި ދޯނި ފޭރި ގަތުން ކޯޓުން ބަލައިގެންނަ ކަމެއްގެ ގޮތުގައި ކަމަށް ބުނެ އެވެ.
ވެރި ފަރާތުގެ އެދުމަށް ތޫނު ހަތިޔާރާއި އެކު ގްރޫޕަކުން އެ ދޯންޏަށް އެރީ އިއްޔެރޭ 11:00 ހާއިރު އެވެ. އެމީހުން ފަޅުވެރިންނަށް ހަމަލާއެއް ދީފައިނުވާއިރު ޑީމާންޑުކޮށްފައިވަނީ ދޯނި ގަމު ފަޅަށް ވެއްދުމަށެވެ.
އެ ދޯންޏަށް ތޫނު ހަތިޔާރާއި އެކު އެރި މައްސަލައިގަ ތިން މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް