ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ތޯރިގު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލެވިފައިވާ ގޮތް ބަދަލު ކުރަން ގާނޫނޫ އަސާސީއަށް ހުށަހެޅި އިސްލާހަށް މިއަދު ކުރެވުނު ބަހުސްގައި އެމްޑީޕީއިން ބައިވެރި ނުވި އެވެ.
ތޯރިގު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ، ދުނިޔޭގެ އެހެން ގައުމުތަކޭ އެއްފަދައިން، ރާއްޖޭގައި ވެސް ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ ޖޭއެސްސީއެއް އޮތުން މުހިންމު ކަމަށެވެ. މި އިސްލާހުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކާފައިވަނީ، ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް2008 ވަނަ އަހަރު ރާއްޖެ ވަޑައިގަތް ބޭރުގެ ވަފުދުން ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ ބޭރުގެ ވަފުދު އެދުނު ގޮތަށް ޖޭއެސްސީ ފޯމް ނުކުރެވުމުން މިއަދު ހިތާމަ ކުރައްވާ ކަމަށެވެ.
ތޯރިގުގެ އިސްލާހާއެކު ފަނޑިޔާރުންނަށް ސިޔާސީ ފަރާތްތަކުގެ ނުފޫޒު ނެތި ފަނޑިޔާރުންގެ މުގުރުން އިންސާފު ގާއިމު ކުރުމުގެ ބާރު ލިބިގެންދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ތަހުޒީބީ ގައުމުތަކުގައި ސިޔާސީ ފަރާތްތަކުގެ ބަސް ފަނޑިޔާރުންގެ ބަހަށް ވުރެ އިސްނުވާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ މިއަދު ގިނަ ބަޔަކު ދެކެނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މި ސަރުކާރުން ބޭނުން ކުރަނީ ޖޭއެސްސީ ކަމަށެވެ.
އާދަމް ޝަރީފުގެ ވާހަކަ އިތުރަށް ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމަށްޓަކައި އިދިކޮޅު މެމްބަރުން ވަނީ ނިޒާމާ ނުކުތާތަށް ނަގައިފަ އެވެ. ނިޒާމީ ނުކުތާ ނެންގެވި މެމްބަރުން ވިދާޅުވީ، ކުރީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ އިދިކޮޅުން ނުދެއްކިއްޔާ ރަނގަޅުވާނެ ކަމަށެވެ.
މާ ގިނައިން އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާގެ ބޭނުން ކުރައްވާތީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން އެގޮތަށް ނުކުރައްވައި ކެތްތެރިވުމަށް އެދިވަޑައިގެންފަ އެވެ. ނަޝީދުގެ ވާހަކަތަށް ނިމުނުތަނާހެން ވާހަކަ ދެއްކުމުގެ ފުރުސަތެއް ހޯދައި ތޯރިގު ވަނީ އެމްޑީޕީގެ މެމްބަރުން ބަހުސްގައި ބައިވެރިވުމަށް އެދިފަ އެވެ.
އިދިކޮޅު މެމްބަރުންގެ ފަރާތުން އިބްތިދާއި ބަހުސްގައި ވާހަކަ ދައްކާ ނިމުމުން، ނަޝީދު ވަނީ ބިލަށް ބަހުސް ކުރުމަށް އިތުރު ފުރުސަތެއް ދީފަ އެވެ. ނަމަވެސް އެއްވެސް މެމްބަރަކު ފުރުސަތު ބޭނުން ނުވުމުން އިބްތިދާއީ އަޑު އެހުމުގެ ފުރަތަމަ ބަހުސް ވަނީ ނިންމާލާފަ އެވެ.
މެމްބަރު ތޯރިގު އިސްލާހަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެ އެވެ. އެ ބިލުގައި އިސްލާހު ކުރުމަށް ތޯރިގު ހުށަހެޅުއްވީ، ގާނޫނު އަސާސީގެ 158 އާއި، 161 އާއި 162 އަދި 165 މާއްދާ އެވެ. އެގޮތުން، 158 ވަނަ މާއްދާގެ ދަށުން، ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާއިރު، ތޯރިގު ވަނީ އެ މާއްދާ އިސްލާހުކޮށް، ޖޭއެސްސީގައި އަށް މެންބަރުން ތިބޭ ގޮތަށް ހުށަހަޅުއްވައިފަ އެވެ.
މިއަދު ތޯރިގު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވި އިސްލާހުގައި އިތުރަށް ވަނީ، ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަށެވެ.
ގާނޫނޫ އަސާސީގައި މިހާރު އޮންނަ ގޮތުންނަމަ، ޖޭއެސްސީގައި މަޖިލީހުގެ ރައީސް، މަޖިލީހުގެ މެމްބަރެއް، އާންމުންގެ ތެރެއިން މަޖިލީހަށް ކަނޑައަޅާ މެމްބަރެއް، ރައީސް ޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރެއްގެ އިތުރުން ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރަކާއި ހައި ކޯޓުގެ ފަޑިޔާރެއް ޖޭއެސްސީގައި ހުންނަން ޖެހޭއިރު ދަށު ކޯޓެއްގެ ފަނޑިޔާރަކާއި، ސީއެސްސީގެ ރައީސް އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު ޖޭއެސްސީގައި ހުންނަވަން ޖެހެ އެވެ.
ގިނަ އަދަދެއްގެ ފަނޑިޔާރުން ޖޭއެސްސީގައި ތިއްބެވުމުގެ ބަދަލުގައި، ތޯރިގު ހުށަހަޅުއްވާފައިވަނީ، ދަށު ކޯޓުގެ ޖުމްލަ ދެ ފަނޑިޔާރުންނާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކާއި، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރެއްގެ އިތުރުން، ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސަކާއި، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސް ހުށަހަޅައި މަޖިލީހުން ރުހުންދޭ ބޭފުޅެއް ޖޭއެސްސީގައި ހިމެނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް