އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އިމްރާނަށް ޕްރެޝަރު ކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ކޮންގްރެސް ކޯލިޝަނުން އިމްރާންގެ އިތުބާރު ނެތް ކަމަށް 11 މެމްބަރުންގެ ސޮޔާއެކު ހުށަހެޅީ، މަރައިލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ހެކި ހުރި ކަމަށް ވިދާޅުވެ އިމްރާން އިތުރުފުޅު ހައްދަވާފައިވާ ކަމުގެ ތުހުމަތާއި ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައަކީ އާދައިގެ ކަމެއް ކަމަށް، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ސިފަވާތީ އެވެ.
އަދާލަތު ޕާޓީގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެމުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، އިމްރާނު ގާނޫނާ ހިލާފު ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާން ޖެހޭނެ އެއްވެސް ސަަބަބެއް ނޯންނާނެ ކަމަށެވެ.
ނަޒީރު ސިފަކުރެއްވި ގޮތުގައި އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ޔާމީނު މިނިވަން ކުރުމަށް އިދިކޮޅު ކުރަމުންދާ މަސައްކަތުގެ އެއް ބައެވެ. އަދި ވިދާޅުވީ ކުރީ ސަރުކާރުން ކޮރަޕްޝަން މެދުވެރިކޮށް ގެއްލުވާލި ރައްޔިތުންގެ ފައިސާ ހޯދާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ފޯކަސް އަނބުރާލަން މަސައްކަތް ކުރިޔަސް އެކަން އެހެން ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް