ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން، އެމްޑީޕީގެ މެމްބަރުން ހުސް ބުޅީގައި ގަންނާނެ ކަމަށް އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީއިން ދެކިގެން ނުވާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން އިމްރާނުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދި މައްސަލަ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވަނިކޮށް، ތެދުވެވަޑައިގެން އާޒިމް ވިދާޅުވީ، މަޖިލީހުގެ އެމްޑީޕީ މެމްބަރުން ފުރިހަމަ އިތުބާރު ސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އެބައޮތް ކަމަށެވެ. އަދި އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން ހުސް ބުޅީގައި އެމްޑީޕީ މެމްބަރުން ނުޖެހޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ، އެމްޑީޕީން ކަންތަށް ކުރަމުން ގެންދާނީ އެ ޕާޓީގެ އެޖެންޑާގެ ތަރުތީބުން ކަމަށެވެ. މިހާރު އިދިކޮޅުން ކުރަން އެއުޅޭ ކަމަކީ ސަރުކާރުން އެމްޑީޕީގެ މެމްބަރުންނަށް އިތުބާރު ނެތްކަން ދައްކުވައިދިނުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުގެ ރައީސް އާޒިމުގެ ވާހަކަތަކަށް ގުޅުވައިގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިމްރާނަށް މިއަދު ޖަވާބުދާރީ ވުމަށް ނޯޓިސް ފޮނުވައި، 14 ދުވަސް ފަހުން އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފިނަމަ އެ މިނިސްޓަރަކަށ 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭނެ އެވެ އަދި އެ މައްސަލައެއް މަޖިލީހުގައި އެޖެންޑާ ކުރެވޭނީ 14 ދުވަސް ފަހުންނެވެ. މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ 44 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން ދިހަ މެމްބަރުންގެ ސޮއި ބޭނުންވާނެ އެވެ. އިދިކޮޅު ކޯލިޝަނުގައި ތިއްބެވި ނުވަ މެމްބަރުންގެ އިތުރުން އިމްރާނުގެ އިތުބާރު ނެތް މައްސަލައިގައި އަމިއްލަ ގޮތުން މަޖިލީހަށް ހޮވުނު ދެ މެމްބަރަކު ވަނީ ސޮއިކޮށްފަ އެވެ.
މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅުން ވެއްދީ، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ އަނިޔާކުރި މައްސަލައެއް ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދައްކަން އުޅުނުމުންނާއި މަރާަލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާނުގެ މަރުގެ މައްސަލައާ ކުރީގެ ރައީސް އަބްދުﷲ ޔަމީން ގައްޔޫމްއާ ގުޅުން އޮތްކަމަށް ބުނެ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް