ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްގެ ހާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ޝިޔާމް ހޮސްޕިޓަލަށް ގެންދިޔައީ މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް ހާލުކޮޅު ދެރަވެގެންނެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޝިޔާމަށް ސްޓްރޯކެއް ޖެހުނު ކަމަށް ވާހަކަ ދެކެވުނަސް އެއީ ދޮގު ވާހަކައެއް ކަމަށެވެ. ޝިޔާމް ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ގަދައަށް ހުން އައިސްގެން ކަމަށް ހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ޝިޔާމްގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އެކަމަކު އަދި އޮންނެވީ ހޮސްޕިޓަލްގައި ކަމަށް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ބޭއްވި ޖަލްސާ ހިންގި ހަމަނުޖެހުންތަކުގައިވެސް ޝިޔާމްއަށް އަނިޔާވެފައިވެ އެވެ.
އޭރު ޝިޔާމް ވިދާޅުވީ އެ ޖަލްސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް