ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނަށް އަމަލު ކުރުމުގައި އެންމެ އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަވަނީ އޮފީސް މާހައުލުގައި މުވައްޒަފުންގެ މެދުގައި ގައިދުރުކަން ނެތުން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތި ނަޒްލާ ރަފީގު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނަށް ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގައި އަމަލު ކުރޭތޯ ބަލަން އިއްޔެ ދެވަނަ އިންސްޕެކްޝަނެއް ފަށާފައިވާ ކަމަށެވެ. އެ އިންސްޕެކްޝަންގައި އިއްޔެ 10 އިދާރާއެއް ބަލާފައިވެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އާންމު ގޮތެއްގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގަވައިދުތަކަށް އޮފީސްތަކުން އަމަލު ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަމަކު ފަރުވާތެރިކަން ދެވިފައި ނުވާ ކަންކަމުގެ ތެރޭގައި އޮޮފީސްތެރޭގައި މުވައްޒަފުންގެ މެދުގައި ގައިދުރުކަން ނުބެހެއްޓުން ހިމެނޭ ކަމަށާއި ހާއްސަކޮށް މީޓިން ރޫމްތަކުގައި ދުރު ދުރުގައި މުވައްޒަފުންނަށް ތިބޭނެ އިންތިޒާމް ގިނަ އޮފީސްތަކުގައި ނެތް ކަމަށެވެ.
މީގެ އިތުރުން އިންސްޕެކްޝަންގައި ފާހަގަވި ކަންކަމުގެ ތެރޭގައި ބައެއް އޮފީސްތަކުގައި މުވައްޒަފުން މާސްކު ނާޅާ އުޅޭކަން ފާހަގަވި ކަމަށް ވިދާޅުވި އެވެ. ސާފުތާހިރުކަމުގެ މިންގަނޑަށް ބަލާއިރު ބައެއް އޮފީސްތަކުގައި މުވައްޒަފުން މަސައްކަތް ކުރާ މާހައުލާއި ފާހާނާ ފަދަ ތަންތަން އެކަށީގެންވާ ވަރަށް ސާފުތާހިރު ނޫން ކަމަށް ވިދާޅުވި އެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ދަނީ މި އިންސްޕެކްޝަން ހިންގަމުންނެވެ.
އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް އަމަލު ކުރާ ތަންތަން ވަގުތުން ބަންދު ކުރަން ޖެހެ އެވެ. އެތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދެނީ ގަވައިދަށް ފެތޭގޮތަށް އެތަނެއް ހެދުމުން އެޗްޕީއޭގެ ޓީމަކުން ގޮސް ބެލުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް