ސޮންގެ ލަނޑުން ބާންލީ އަތުން ޓޮޓެންހަމް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު ޓޮޓެންހަމް ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުނު މި މެޗުން ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ބާންލީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗ...

27 Oct 2020 | 03:35

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު ޓޮޓެންހަމް ކާމިޔާބު ކޮށްފިއެވެ.

ރޭ ކުޅުނު މި މެޗުން ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ބާންލީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބާންލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވި ނަމަވެސް، މި ހާފުގައި ބާންލީން ވަނީ ދެ ހަމަލާއެއް ޓޮޓެންހަމްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން އެ ޓީމުގެ އޭޝްލީ ވެސްޓްވުޑާއި ގުޑްމުންޑްސަން ދެ ހަމަލާއެއް ފޮނުވާލިއިރު، މި ދެ ހަމަލާވެސް ޓޮޓެންހަމުގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ނާކާމިޔާބު ކޮށްލާފައެވެ.

މުޅި މެޗުގައިވެސް ބާންލީން ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ޑިފެންޑަރު ޖޭމްސް ޓާކައުސްކީއަށް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ޓޮޓެންހަމުގެ ފޯވާޑް ހެރީ ކޭން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ކާމިޔާބު ކޮށްދިނީ ކޭންގެ އެހީއާއެކު ސޮންއެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސޮން ކާމިޔާބުކުރި އަށްވަނަ ލަނޑެވެ.

މި މޮޅާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އަދި ޓޮޓެންހަމް އަތުން ބަލިވި ބާންލީ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި ފަސް މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް