އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ.
މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗު ފަށައިގެން ދެވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. ރަފައެލް ލެއާއޯ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 39 އަހަރުގެ ޒްލަޓާން އިބްރަހިމޮވިޗެވެ. އެކަމަކު މެޗުގެ 14 ވަނަ މިނެޓުގައި އެޑިން ޒެކޯގެ ލަނޑުން ރޯމާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، މެޗުގައި މިލާނުން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. ލެއާއޯ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސައެލެމޭކާސްއެވެ. މިފަހަރު ވެސް ރޯމާއިން ވަނީ ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޖޯޑަން ވެރެޓޫޓްއެވެ. މިއީ އޭރިއާ ތެރެއިން ރޯމާގެ ޕެޑްރޯ ރޮޑްރިގޭޒަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ 79 ވަނަ މިނެޓުގައި މިލާނަށް ވެސް ޕެނަލްޓީ އެއް ލިބި އެ ޕެންލޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މިލާނުން އަލުން ލީޑު ނެގިއެވެ. އިބްރަހިމޮވިޗްގެ މިލަނޑުން މިލާން ލީޑު ނެގިނަމަވެސް މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ކޯނަރަކުން މަރަޝް ކުމްބުލާ ވަނީ ލަނޑެއް ޖަހާ އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މި މެޗު އެއްވަރުވި ނަމަވެސް މިލާން އަދިވެސް އޮތީ އިޓާލިއަން ލީގުގެ އެއްވަނައިގައެވެ. އެ ޓީމަށް ކުޅުނު ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ނާޕޮލީ އާއި ތިންވަނައިގައި އޮތް ސަސުއޯލޯއަށް ފަަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. އަދި މިލާނާ އެއްވަރުކުރި ރޯމާ އޮތީ ތާވަލުގެ ނުވަވަނައިގައި ފަސް މެޗުން އަށް ޕޮއިންޓާއެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް