ޒިނޭކުރާ މީހާގެ ހާލަތު، މަރުވުމަށްފަހު !

ދުނިޔެއަކީ އަބަދަށް ދެމިތިބޭނެ ތަނެއްނޫންކަމީ އެއްވެސް މީހަކަށް އިންކާރު ކުރެވޭނޭ ކަމެއް ނޫނެވެ. މިއީ ވަގުތީ ގޮވައްޗެއް ކަމުގައިވާތީއެވެ. ދާއިމީ ދިރިއުޅުމަކީ އުޚުރަވީ ޙަޔާތުގެ ދިރިއުޅުން ކަމުގައިވާތީއ...

27 Oct 2020 | 03:14

ދުނިޔެއަކީ އަބަދަށް ދެމިތިބޭނެ ތަނެއްނޫންކަމީ އެއްވެސް މީހަކަށް އިންކާރު ކުރެވޭނޭ ކަމެއް ނޫނެވެ. މިއީ ވަގުތީ ގޮވައްޗެއް ކަމުގައިވާތީއެވެ. ދާއިމީ ދިރިއުޅުމަކީ އުޚުރަވީ ޙަޔާތުގެ ދިރިއުޅުން ކަމުގައިވާތީއެވެ.

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ މިދުނިޔެއަށް ފޮނުއްވީ ދާއިމީ ގޮވައްޗަށް ދިއުމަށްޓަކާ ތައްޔާރު ވުމަށްޓަކައެވެ. އޭނާއަށް މިދުނިޔޭގައި ކާމިޔާބުވަނީ ކިހާ މިންވަރަކަށް ކަމާއި، އޭނާ ހައްދަވައި ގެންގުޅުއްވާ އިލާހުގެ އަމުރުފުޅަށް އޭނާ ކިޔަމަންތެރިވަނީ ކިހިނަކުންކަމާއި އެއިލާހަށް ނުކިޔަމަންތެރިވާ ވާރަކީ ކޮބައިކަން އޭނާއަށް ދެއްކެވުމަށްޓަކައެވެ. އެކަމުގައި އޭނާ އިމްތިޙާނު ކުރެއްވައި އޭނާއަށް އޭނާގެ ޢަމަލުގެ ފަތުގެ ނަތީޖާ ދެއްކެވުމަށް ޓަކައެވެ.

އަޅާ ދުނިޔޭގައި ދިރިއުޅެމުންދާއިރު އޭނާ އޭނާގެ ސާހިބުވަންތަ ﷲއަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި އުޅޭނަމަ އޭނާއަކީ އެއިލާހުގެ ޙަޟުރަތުގައި ލޮބުވެތި އަޅެކެވެ. އަދި އޭނާ އެއިލާހުގެ އަމުރުފުޅުތަކަށް ތަބާނުވެ ނުކިޔަމަންތެރިވާނަމަ އޭނާއަކީ ކުށްވެރި އެކެވެ. ފާފަވެރިއެކެވެ. ﷲގެ ޙަޟުރަތުގައި ކޯފާވެ ވޮޑިގެންވާ އުރެދުންތެރި އެކެވެ. މަރުވުމަށް ފަހު ޢަޛާބު ޙައްޤުވެގެންވާ ނަރަކަ ވެރިއެކެވެ. މިގޮތުން މީހާ މަރުވުމަށް ފަހު ކޯފާޔާއި ޢަޛާބުގެ ޙައްޤުދާރު އުރެދުންތެރިންނަކީ ކޮބައިކަން ކީރިތި ޤުރުއާނާއި ލޮބުވެތި ރަސޫލާގެ ޙަދީޡުފުޅުތަކުގެ އަލީގައި ބަޔާންކޮށްލާނަމެވެ.

އެގޮތުން މީގެ ތެރެއިން އެއް ކަމަކީ ޒިނޭކުރުމެވެ. ޒިނޭ އަކީ އިސްލާމް ދީނުގައި ޙަރާމް ކުރެވިގެންވާ ބޮޑުވެގެންވާ ފާފައެކެވެ. މާތްﷲ ލަޢުނަތް ލައްވާފައިވާފައިވާ ކަންތައް ތަކުގެ ތެރެއިން އެއްކަމެކެވެ. މިކަމުގެ ފާފައިގެ ބޮޑުކަން އެއްވެސް މުސްލިމަކަށް އޮޅިފައި ނުވާ ބޮޑުފާފައެކެވެ. ޤިޔާމަތް ދުވަހުގައި ދެގުނަ ޢަޛާބު އެމީހެއްގެ މައްޗަށް ދެމިގެންވާނެ ކަން އަންގަވާފައިވާ މީހެކެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ: "ތިޔަބައިމީހުން ޒިނޭއާއި ޒިނޭއަށް މަގުފަހިވާނެ އެއްވެސް ކަމަކާ ކައިރިވެ ނުގަންނާށެވެ. ހަމަކަށަވަރުން އެއީ ހަޑިކަންބޮޑު މުޑުދާރު ކަމެކެވެ. އަދި ނުބައި ވެގެންވާ މަގެކެވެ." (އަލްއިސްރާ: 32)

ކަށްވަޅުގެ ޢަޛާބުގެ ވާހަކައިގައި އައިސްފައި ވެއެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުވަފެންފުޅެއްގައި، ޒިނޭކުރާ ފިރިހެނާއާއި ޒިނޭކުރާ އަންހެނާ ދެކެވަޑައިގެންފައި ވެއެވެ. އޭގައި އެކަލޭގެފާނު ޙަދީޘުކުރައްވާފައި ވެއެވެ.

"ދެން ތިމަންމެން ވަޅުއުނދުނެއްފަދަ އެއްޗެއްގެ ކައިރިއަށް އައިމެވެ. އެހިދު އެތަނުން ބާރު ހަޅޭކާއި އަޑުފަށްގަނޑު އިވެއެވެ. ތިމަންމެން އެތަނަށް ބެއްލެވި ހިނދު އެތާނގައި ތިބީ ރޯބަރަހަނާ ތިބި ފިރިހެނުންތަކަކާއި އަންހެނުންތަކެކެވެ. އެމީހުންގެ ދަށުން އަލިފާނުގެ ހުޅުގަނޑު ރޯވެގެން އަރައަރަ ހުއްޓެވެ. އެއަލިފާންގަނޑު އެމީހުންގެ ގައިގައި ޖެހޭހިނދު އަމީހުންގެ ހަޅޭގެ އަޑުފަށްގަނޑު ބޮޑަށް ގަދަވެގަނެއެވެ. އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި މަލާއިކަތުން ދެންނެވިއެވެ. މިއީ ދުނިޔެމަތީގައި ޒިނޭކޮށް އުޅުނު މީހުންނެވެ. (އަޙްމަދު، ބުޚާރީ، މުސްލިމް، ނަސާއީ)

މިލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ނޫރުލް އިސްލާމްގައި ޝައިޚް ސުހެއިން ރަޝީދު ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް