''މަންމަގެ ޒާރާ މަންމައަކަށް ވަނީނު............ އަހަރެން ބައްޕައަކަށް........'' އިމްރާން މޭގައި އަތް ޖައްސާލަމުން ބުނެލިއެވެ. އަތްތިލަބަޑީގެ އަޑުން މުޅި ސިޓިން ރޫމް ގުގުމާލިއެވެ. ނާޒިމާގެ ފިޔަވާ އެންމެން އެ އުފަލުގައި ބައިވެރިވިއެވެ. އެހެނަސް އެ ހަބަރުވީ ނާޒިމާގެ ހިތުގައި އަނދަ އަނދާހުރި އަލިފާންގަނޑަށް ތެޔޮ އެޅުންފަދަ ކަމަކަށެވެ. ސަރީފާ އުފަލުންގޮސް ޒާރާގެ ގައިގާ އޮޅުލައިގަތެވެ. ހާމިދު ހަމަ އެފަދައެވެ. އުފަލުންގޮސް ހާމިދުގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.
ހާމިދު އޭނާގެ ދަރިފުޅާ ދިމާލަށް ނުހަނު ލޯބިން ހާމިދު ބަލާލިއެވެ. އެ މޫނުގައި ވަނީ އުފާވެރިކަމެވެ. ދެތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ތާއަބަދު އެމޫނުން ފެންނަން ހުންނަ ހިތާމައިގެ އަސަރުތައް މިއަދު ފެންނާކަށް ނެތެވެ. ބަދަލުގައި އެ މޫނުން ފެންނަނީ ހިތްހަމަޖެހުމާ އުފާވެރިކަމެވެ. އެއީ ޒާރާގެމޫނުން ހާމިދު ދެކެން ބޭނުންވި ކުލަތަކެވެ. އަބަދުހެން ކަރުނައިގެ އަސަރު ފެންނަންހުންނަ އެ ދެލޮލުގައި މިއަދު ވަނީ އުންމީދުގެ ވިދުވަރެއް އުފެދިފައެވެ. އެ ދެލޮލުގައި ވާ ވިދުވަރުގެ ސިއްރަކީ މުސްތަގުބަލަށްޓަކައި ދެކެމުންދާ ފޮނި ހުވަފެންތައް ކަން ކަށަވަރެވެ. އެއީ އެ ދެލޮލުން ހާމިދު ދެކެން ބޭނުންވި ވިދުވަރެވެ.
ހާމިދު ކުރަމުންއައި ދުޢާ އިޖާބަކުރެއްވި ކަމަށްޓަކައި އެއްކައުވަންތަ ﷲ އަށް ހިތާހިތުން ޙަމްދު ކުރަމުން ދިޔައެވެ. ޒާރާ އަށް ރަނގަޅު ފިރިއަކު މިންވަރު ކުރެއްވި ކަމަށްޓަކައި ހެއްދެވި ކަލާނގެއަށް ހާމިދު ޝުކުރު ވެރިވެއެވެ. ނާޒިމާގެ އަނިޔާވެރި ވަކިތަކުން ޒާރާ ސަލާމަތް ވެފައިވުން އެއީ ހާމިދު އަބަދުވެސް ދެކެން ބޭނުންވި ދުވަހެވެ. އެތައް އަހަރެންވަންދެން ހާމިދު ކެތްކުރަމުން ދިޔައީ ޒާރާއަށް އުފާވެރި ޒަވާޖީ ޙަޔާތެއް ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ. ޒާރާގެ މަންމަ މިއަދު ދުނިޔޭގައި ހުރިނަމަ ކިހާ އުފާވީސް ހެއްޔެވެ. ހާމިދުގެ ހަޔާތްވެސް އޭރުން ކިހާ އުފާވެރި ވީސް ހެއްޔެވެ.
''ކަލޭ ހާދަވަރެއްވެފަ ތިޔަހަރީ...... ކަލޭ ކޮން ހިންޏެއް ތިހެނީ......'' ގާތުގައި ހުރި ނާޒިމާ ހާމިދުގެ ބުރަކަށީގައި އަތުން ޖަހާލިއެވެ. އުފާ ފާޅުކުރަމުން ދިޔަ އެކި މީހުންގެ މޫނަށް ވަކިވަކިން ބަލަމުން ނަފުރަތުގެ ކަޅި އުކަމުން ދިޔަ ނާޒިމާގެ ނަޒަރު ހާމިދުގެ މޫނަށް އަމާޒު ވެފައި ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ހާމިދުގެ މޫނަށް އަރާފައިބަމުންދާ އުފާވެރިކަމުގެ ކުލަވަރުތައް މިންކުރަމުން ދިޔަ ނާޒިމާގެ ކެތްތެރިކަން ކޮޅުންލީ، ޒާރާގެ މޫނަށް ނަޒަރު ހުއްޓާލައިގެންހުރި ހާމިދު، އޭނާގެ އަމިއްލަ ނަފުސަށް ހިނތުންވާތަން ފެނުމުންނެވެ. ދެވަނަ ފަހަރަށްވެސް ނާޒިމާ ހަމަ އެގޮތަށް ހާމިދުގެ ބުރަކަށީގައި އަތުން ޖަހާލިއެވެ. ކުރީފަހަރަށްވުރެ ބާރަށެވެ. ނާޒިމާގެ އެ ހަރަކާތުގެ ސަބަބުން ހާމިދަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް އޭނާ ނާޒިމާގެ މޫނަކަށް ނުބަލައެވެ. ގަސްދުގައެވެ. ހާމިދު މިވަގުތު ނާޒިމާގެ މޫނަށް ބަލާކަށް ބޭނުމެއް ނޫނެވެ. އެ މޫނުން ފެންނަ، ނަފުރަތާ ރުޅިވެރިކަމުގެ ހިޔަނި، ހާމިދުގެ ސިކުނޑީގައި އުތުރި އަރަމުންދާ އުފާވެރި އިހްސާސްތަކުގެ މައްޗަށް އެޅުނަދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ހާމިދު އެނގޭކަމަށްވެސް ހަދާނުލާ ހުރުމުން ނާޒިމާ އިތުރަށް ރުޅިގަދަވިއެވެ. އެހެންނަމަވެސް މާހައުލުގެ ގޮތުން އެ ރުޅިވެރިކަމުގެ މައްޗަށް ގަދަވެގަތުން ނޫންގޮތެއް މިވަގުތު ނާޒިމާއަކަށް ނެތެވެ.
''ކަލޭ އެނގޭކަމަށް ހަދާނުލާ ތިޔަހެން ހުރެބަލަ.........އޭގެ ބަދަލުގަ ކަލޭމެންގެ ތި އުފާވެރިކަން ބަދަލުވެގެންދާތަން ކަލެއަށް ލަހެއްނުވެ ދައްކާލާނަން......... ޒާރާއަށް ކަލޭ ފޮރުވައިގެން އުޅޭ ބޮޑު ސިއްރުމަތިން ހަނދާން ނެތުނުލެއް ހާދަ އަވަހޭ ދޯ....... '' އެހެން މީހަކަށް ނީވޭވަރަށް ނާޒިމާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި އެކުލެވިފައިވަނީ އިންތިހާ ރުޅިވެރި ކަމުގެ އަސަރުތަކެވެ. އެހެންނަމަވެސް ނާޒިމާގެ މޫނުމަތިން ހިތްހަމަނުޖެހުމެ އަސަރެއް ފެންނާކަށް ނެތެވެ. އެވެސް އޭނާގެ މޮޅުކަމެވެ. މަކަރުވެރި ހުނަރުތައް އޭނާ ދަސްކޮށްފައިވަނީ ނުހަނު ފުރިހަމައަށެވެ.
ނާޒިމާއަށް ރައްދު ދިނުމަކީ ހާމިދު ކުރާކަމެއް ނޫނެވެ. ކުރަން ބޭނުންވާ ކަމެއްވެސް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ތުންފަތް މައްޗަށް ވެރިކުރުވި ހިނިތުންވުން ނާޒިމާއަށް ރައްދެއް ކަމަށް ފުދެއެވެ. އެ ހިނިތުންވުމުގެ މާނައެއް ނާޒިމާއަކަށް ނޭނގުނެވެ. އެގޮތަށް ހާމިދު ހެވިފައިހުރުން ވީ ނާޒިމާއަށް ނުހަނު އުނދަގޫ ލިބުނު ކަމެއް ކަމުގައެވެ.
''އަހަރެން މި ދައްކާ އެއްވެސް ވާހަކައެއް ކަލެއަށް ނީވެނީތަ؟....... ނޫނީ އިވޭކަމަށް ނުހަދަނީތަ؟........'' ނާޒިމާ އަކަށް ކެތެއް ނުވިއެވެ. އޭނާ ރުޅިއައިސްގެން ފަޅައިގެންދާ ވަރުވެއްޖެއެވެ. އެހެންނަމަވެސް އެހެންމީހުންގެ ކުރިމަތީގައި އޭނާގެ މާތްސިފަ ގެއްލިދާނެތީ ރުޅިގަނޑު ކޮންޓްރޯލް ކުރެވޭތޯ ބެލިއެވެ. ހާމިދަށް އެކަން ފާހަގަ ކުރެވުނެވެ. ގެއަށް ދެވުނު އިރަކުން އެ ހުރިހާ ރުޅިއެއް ބާލާނީ ހާމިދަށްކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް މިހާރު އޭނާއަށް އެކަމަކުން ފަރުވާލެއް ނެތެވެ. ނާޒިމާގެ ރުޅިއަކުން އެހިތަށް އަލަކުން ކުރާނެ އަސަރެއް ނެތެވެ. އަލަކުން އަޅާނެ ވޭނެއް ނުމެ ނެތްމެއެވެ. އަލަކުން އަޑުއަހާނެ އާ އެއްޗެއް ނާޒިމާއަށް ކިޔޭނެހެނެއް ހިޔެއް ނުވެއެވެ. އެހެނީ ނާޒިމާ އާއެކު ހޭދަކުރެވުނު ފަންސަވީހަކަށް އަހަރު ދުވަހު އެފަދަ އެތައް އެތައް ކަމަކާ ހާމިދު ކުރިމަތި ލާފައިވާތީއެވެ. އެ ދިރިއުޅުމުގައި ފާއިތުވެގެންދިޔަ ކޮންމެ ހިނދުކޮޅެއް އޭނާ ގުނަމުން ދިޔައީ ހިތް ކުދިކުދި ވެފައިވާ ހާލުގައެވެ. ޖިސްމާނީ އަނިޔާއާއި ނަފުސާނީގޮތުންވެސް އޭނާ ވަނީ ބަލިކަށިވެފައެވެ.
ޕާޓީގެ ހުރިހާކަމެއް ނިމިގެން، އިމްރާން އާ އެކު ކާރުގައި ހާމިދުމެނަށް ގެއަށް އާދެވުނުއިރު ދަންވަރު ބާރަ ވެސް ޖަހައިފިއެވެ. އެހާ ގިނަ ވަގުތު އަރާމެއް ނެތި އުޅުމުގެ ސަބަބުން ހާމިދަށް ވަނީ ވަރުބަލިކަން އިހްސާސް ކުރެވިފައެވެ. ނޭވާލާން ވެސް ކުޑަކޮށް އުނދަގޫ ވާހެން ހީވާތީ ތައްޔާރުވެލައިގެން އަވަސް އަވަހާ އެނދުގައި އޮށޯވެލިއެވެ. ހިތުގެ ހިނގުންވެސް މާ އަވަސްވެފައި ވާހެން ހީވެއެވެ. ދެލޯމަރާލީ ނޭވާ ހަމަޔަކަށް އެޅޭތޯއެވެ. ލޯމަރާލުމަށްފަހު ސިނކުޑި ހުސްކޮށްލަން ބޭނުންވިއެވެ. ޒާރާ ބުނެފައިވާ ގޮތަށް ވިސްނުމާ ފިކުރުތައް އެއްފަރާތް ކޮށްލުމަށްޓަކައި ހިތާހިތުން ކުރުސި ކިޔަވަންފެށިއެވެ. ހަމައެވަގުތު ނާޒިމާ ވައިރޯޅިއެއްހެން އައިސް އެނދުމައްޗަށް ޖެހިގަތެވެ. ލޯ މަރާލައިގެން އޮތް ހާމިދަށް ލިބުނު ސިހުމުގައި ލޯހުޅުވާލެވުނެވެ. ނިތްކުރިމަތީގައި ބާއްވާލާފައި އޮތް އަތް އެއްފަރާތް ކޮށްލުމަށްފަހު ނާޒިމާގެ މޫނަށް ބަލާލިއެވެ. ފެހި ކުލައިގެ ނިދާބޮކީގެ ފަނޑު އަލީގެ ތެރެއިންވެސް ނާޒިމާގެ ނިތްކުރިއަށް އަރުވާލާފައި ހުރި ރޫތައް ހާމިދަށް ފާހަގަވިއެވެ. ވަށްކޮށްލާފައިވާ ދެލޮލުން ހާމިދާ ދިމާއަށް ލޯ އަޅައިގެން އިންގޮތުން އޭނާ ރުޅިއައިސްފައިވާ މިންވަރު ހާމަވެއެވެ.
''ހިތްހަމަޖެހިފަ އޮތްވަރު ނިކަން ދެކިބަލަ......'' ނާޒިމާ އެނދުގައި އޮތް ބާލީސްނަގާ ހާމިދުގެ މޫނުމައްޗަށް އެއްލިއެވެ. ނާޒިމާ ރުޅިގަނޑު ގަނދަވެގެން އެ އުޅެނީ ކޮންކަމަކާ ކަން ހާމިދަށް ރަނގަޅަށް އެނގެއެވެ. ޒާރާއަށް އުފަލެއް ލިބޭކަށް ނަޒިމާ ދުވަހަކުވެސް ނޭދެއެވެ. ވީއިރު މިހާރު ޒާރާގެ ދިރިއުޅުމަށް އައިސްފައިވާ އުފާވެރި ބަދަލަށް ނާޒިމާއަށް ކެތްކުރަން އުނދަގޫ ވާނެކަންވެސް ހާމިދަށް އެނގެއެވެ.
''ކިހިނެއްވީ...... '' އެއްޗެއް ނުބުނެ އޮވެއްޖެއްޔާ ނާޒިމާގެ ކަންތައް މާބޮޑުވާނެތީ އެންމެފަހުން ހާމިދު ސުވާލު ކުރިއެވެ. ކުރެވުނު ސުވާލުގެ ސަބަބުން ނަޒިމާ ފުންމައިގަތެވެ.
''ކިހިނެއްހޭ ވީ......... ނޭނގޭތަ ވީގޮތެއް....... އަހަރެން ކަލޭގެ ދަރިއަށް އެހާ ރަނގަޅު ދިރިއުޅުމެއް ހޯދާދިނީމަވެސް މަށަށް އެއްޗެއް ނުލިބުނުތާނގައި ރީތި ބަހެއްވެސް ނީވުނެއްނު..... ސަރީފާމެން އެހާގާތްކޮށްއުޅެފަ އެމީހުންނަށްވެސް މަ މިހާރު ފެންނަކަމަކަށް ނުވޭ...... ކަލޭގެ ރަންދަރި ކޮންފަދަ ސިހުރެއް ކަމެއްވެސް ނޭނގެ އެމީހުނަށް ޖައްސާފައެހުރީ....... މިރޭވެސް އެންމެންގެ ދުލުން ޒާރާ ޒާރާ....... އަހަރެން ހުންނަންޖެހުނީ ބާކީވެފަ...... ނުވިތާކަށް ކަލޭވެސް މަށަށްވީ ވައުދު ވެސް ފުއްދީޔަކީ ނޫން.........ބަލިމާނު......'' ނާޒިމާ ފަތިވަރު އަމުނަމުން ދިޔައެވެ. ހާމިދު ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަޑުއަހަން އޮތީއެވެ. އެއީ އެވަގުތަށް އެންމެ ރަނގަޅުވާނެ ގޮތްކަން އެނގޭތީއެވެ.
''އަހަރެންވީ ވައުދު އަހަރެން ފުއްދާނަން..... އަހަރެން ނާޒިމާއަށް މިގެއިން އުޅެވޭނެހާ ތަން ދޭނަން..... އެހެން ނޫނަސް ނާޒިމާ ވިސްނާލަބަލަ........ މިގޭގައި ދެން އުޅޭނީ ނާޒިމާގެ ދަރިފުޅު ޒައިދެއްނު........ ޒައިދު އޭނާގެ މަންމަ މިގެއިން ނެރެނުލާނެކަން މަށަށް ހަމަ ކަށަވަރު.........އަހަރެން މަރުވިޔަސް ނާޒިމާއަށް މިގޭގައި އުޅެވޭނެ........'' ހާމިދު ބޭނުންވީ ނާޒިމާއަށް ވިސްނޭހެން އޮޅުންފިލުވާދޭށެވެ. އެހެންނަމަވެސް ކުރީފަހަރު ތަކެކޭ އެއްގޮތަށް މިފަހަރުވެސް ހާމިދު ދެއްކި ހުރިހާ ވާހަކައެއް ވީ ބޭކާރެވެ.
''ވައުދު ފުއްދާނަމޭ ކިޔާތާ މިވީ ކިހާ ޒަމާނެއް....... ފުއްދާނެ ނަމަ އޮންނާނީ ފުއްދާފައެއްނު....... އިރުކޮޅަކުން ކަންނޭގެ ޒާރާ އޭނާގެ ދަރިންފަތި ގޮވައިގެން މިގެއަށް އައިސް ފުންމާލާނީ........ މަވީ އެދުވަސްވެސް ދެކެން މިހެން ހުންނަންތަ....... މަށަށް ނުދެންޏާ މަގޭ ޒައިދަށް މި ގޯއްޗާ ގެ ރަޖިސްޓަރީ ކޮށްދީ.....'' ނާޒިމާ ހުކުމް އިއްވިއެވެ.
''އެކަމަކު ނާޒިމާ........ ޒާރާ އަކީވެސް މަގޭ.........'' ހާމިދަށް ބުނެވުނީ އެހިސާބަށެވެ. ނަޒިމާގެ އަތުގެ ހޫނު އެތިފަހަރެއް ހާމިދުގެ ކޯތާފަތްމައްޗަށް އެރިއެވެ.
''ސާބަސް ކަލެއަށް........ ޒާރާ ޒާރާ....... މިއޮތީވާކަމެއް........އަދި ބުނެފިއެއްނު ނާޒިމާގެ ޒައިދޭ.....ބަލަ ކަލޭގެ ވެސް ދަރިއެކޭ އެއީ....... ކަލޭ ހިތުން ޒާރާ އެކަނިދޯ ކަލޭގެ ދަރިއަކަށް ހުރީ....... '' ހާމިދަށް ނާޒިމާ ލޯއަޅާލަމުން ބާލީސް ރަނގަޅުކޮށްލިއެވެ. އަދި އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ.
އެއީ އެފަދަ ކޮންމެ މައްސަލައެއް ނާޒިމާ ނިންމާގޮތެވެ. ހާމިދަށް އޭނާގެ މޫނުމަތީގައި އަމިއްލަ އަތުން ފިރުމާލުން ނޫން ކަމެއް ނުކުރެވުނެވެ. ލޮލުން ކަރުނަ ނީރާލިއެވެ. ކަރުނައިގެ ތެރެއިން ބަލާލެވުނީ އެނދުގައި ހާމިދަށް ފުރަގަސްދީގެން އޮތް ނާޒިމާ އާ ދިމާލަށެވެ. ލޮލުގެ ހިމަކޮޅުން ކަރުނަ ތިކިތައް ފައިބަމުން ބޯއަޅައިގެން އޮތް ބާލީސް ތެންމަމުން ދިޔައެވެ. އެކަން ދެނެހުރި އެއްވެސް އިންސާނެއް ނެތެވެ. މާ ގިނައިރެއް ނުވެއެވެ. ނާޒިމާގެ ނޭވާގެ އަޑު ގަދަވެގެންދިޔައެވެ. ނާޒިމާ ނިދީކަން ކަށަވަރުވުމުން ހާމިދަށް ހަމަޖެމުގެ ނޭވާއެއް ލެވުނެވެ. އެރޭގެ އަނިޔާ އެހިސާބުން ނިމުނީކަން ޔަގީންވާތީއެވެ. ދެލޯ ފޮހެލުމަށްފަހު ﷲ އަށް ވަކީލުކޮށް ލޯމަރާލިއެވެ. ފަތިސް ނަމާދަށް ހޭލުމުގެ މަތިވެރި އުންމީދާއެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް