ސްޕެނިޝް ލީގުގައި މިރޭ ގްރެނާޑާއި ދެކޮޅަށް ކުޅުނު މެޗުން އެތްލެޓިކޯ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެތްލެޓިކޯ މޮޅުވީ 1-6 ގެ ނަތީޖާއަކުންނެވެ.
އެތްލެޓިކޯ މެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަަ ލަނޑު ޖަހާ ލީޑުނެގީވެސް އެތްލެޓިކޯއިންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި މި ލަނޑު ކޮރެއާގެ އެހީތެރިކަމާއި އެކު އެތްލެޓިކޯއަށް ކާމިޔާބު ކޮށްދިނީ ޑިއޭގޯ ކޯސްޓާއެވެ. މި ލަނޑަށް ފަހު މެޗުގެ 16 ވަނަ މިނެޓުގައި އެތްލެޓިކޯއަށް ލީޑު ފުޅާކޮށްލަން ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ސައުލް ނިގޭޒް ފޮނުވާލި މި ޕެންލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެެ ފުރަމަ ހާފު އެތްލެޓިކޯއިން ނިންމާލިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ 47 ވަނަ މިނެޓުގައި ޖާއޯ ފެލިކްސްގެ އެހީތެރިކަމާއި އެކު އެންޖެލް ކޮރެއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެތްލެޓިކޯގެ ތިންވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖާއޯ ފެލިކްސް ކާމިޔާބު ކޮށްދިންއިރު، އެޓީމު ހަތަރު ވަނަ ލަނޑު ލުއިސް ސުއަރޭޒްގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ލޮރެންޓޭއެވެ.
އެތްލެޓިކޯއިން މި މެޗުގައި ކާމިޔާބު ކުރި ފަހު ދެ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 70 ވަނަ މިނެޓުގައި ޑިއޭގޯ ކޯސްޓާގެ ބަދަލުގައި ކުޅެން ނިކުތް ބާސާގެ ކުރީގެ ފޯވާޑްް ލުއިސް ސުއަރޭޒްއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ސުއަރޭޒްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު، އޭނާ ގެދެެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި ފަސްމިނެޓުގެ ތެރޭގައެވެ. ގްރެނާޑާއިން މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ މެޗުގެ 87 ވަނަ މިނެޓުގައި ޖޯޖް މޮލީނާއެވެ.
މިރޭގެ މެޗަށް ކޯސްޓާގެ ބަދަލު ކުޅެން ނިކުމެ ސުއަރޭޒް ތަފާތު ދައްކާ ދެ ލަނޑު ކާމިޔާބު ކޮށް އެއް އެސިސްޓް ހެދި އިރު، ސުއަރޭޒްއަކީ ބާސާއިން ބޭނުން ނުވެގެން އެތްލެޓިކޯއަށް ކުޑަ އަގެއްގައި ވިއްކާލި ކުޅުންތެރިއެކެވެ. ބާސާގެ ކޯޗުކަމާއި ފަހުން ހަވާލުވި އައު ކޯޗު ރޮނާލްޑޮ ކޫމަންގެ ޕްލޭންގައި ހިމެނިފައި ނުވާކަމަށް ބުނެ އެތްލެޓިކޯއަށް ސުއަރޭޒް ވިއްކާލާފައިވާއިރު، މެސީ އަންނަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފައުޅުކުރަމުންނެވެ.
އެތްލެޓިކޯ ލީގުގައި ދެން ކުޅޭ މެޗުގައި ނިކުންނާނީ ރަށުން ބޭރުގައި މިފަހަރު އަލަށް ޕްރޮމޯޓުވި ހުއެލެސްކާއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް