އިނގިރޭސި ޕްރިމިއާލީގުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން ލީޑްސް ޔުނައިޓެޑު ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދިއިރު، ނިއުކާސަލްއާއި ދެކޮޅަށް ޓޮޓެންހަމުން ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
މިއަދު ހަވީރު ޝެފީލްޑް ޔުނައިޓެޑާއިި ދެކޮޅަށް ލީޑްސް ޔުނައިޓެޑު ކުޅުނު މެޗުން އެޓީމު މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.
ޝެފީލްޑު ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލީޑްސް އިން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވެފައެވެ.
ލީޑްސް އިން މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ފަހުހާފު ނިމެން އެންމެ ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 88 ވަނަ މިނެޓުގައި ލީޑްސްއަށް މި ލަނޑުު ކާމިޔާބު ކޮށްދިނީ ހެރިސަންގެ އެހީތެރިކަމާއި އެކު ޕެޓްރިކް ބެމްފޯޑްއެވެ.
މި މޮޅާއި އެކު ލީޑްސް އިން ވަނީ ލިބުނު ހަ ޕޮއިންޓާއި އެކު ތާވަލްގެ ހަވަނަ އަށް ޖެހިލާފައެވެ.
ޓޮޓެންހަމް އަދި ނިއުކާޝަލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ޓޮޓެންހަމްއިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ހެރީ ކޭންގެ އެހީތެރިކަމާއި އެކު ލުކަސް މޯރާއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ޓޮޓެންހަމްއިން އެއް ލަނޑުގެ ލީޑެއް ނަގާފައިވީ ނަމަވެސް މި ލީޑުގައި އޮވެ އެޓީމަށް މެޗު ނިންމާލެވެގޮތެއް ނުވިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު މިނެޓުތަކުގެ ތެރޭގައި ނިއުކާސަލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ނިއުކާސަލް އަށް ކާމިޔާބު ކޮށްދިނީ ކަލުމް ވިލްސަންއެވެ.
ޓޮޓެންހަމް އިން ލީގު ފެށުނު ފަހުން މިހާތަނަށް ތިން މެޗެއް ކުޅެފައިވާއިރު، އެޓީމު މޮޅުވެފައިވަނީ އެއްމެ މެޗަކުންނެވެ. އެއީ ސައުތެމްޕްޓަންއާއި ދެކޮޅަށް ލީގުގައި ކުޅުނު ފުރަތަމަ މެޗުންނެވެ. އެހެން ކަމުން މިހާތަނަށް ޓޮޓެންހަމްއަށް ލިބިފައިވާ ހަތަރު ޕޮއިންޓާއި އެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތް ވަނާގައެވެ.
ނިއުކާސަލް ވެސް މިހާތަނަށާް ތިން މެޗު ކުޅެފައި ވާއިރު، އެޓީމަށް ވެސް މޮޅުވެވުނީ އެއްމެ މެޗަކުންނެވެ. އެގޮތުން އެޓީމު މިވަގުތު އޮތީ ހަތަރު ޕޮއިންޓާއި އެކު ތާވަލްގެ ނުވަ ވަނައިގައެވެ.
ލީގުގައި ނިއުކާސަލް ދެން ނިކުންނާނީ ބާންލީއާއި ދެކޮޅަށެވެ. އަދި ޓޮޓެންހަމް ނިކުންނާނީ ރަށުން ބޭރުގައި މެންޗެސްޓާ ޔނައިޓެޑާއި ދެކޮލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް